ސުޕްރީމް ކޯޓުގައި އޮންނަ ޝަރީއަތްތައް ޓީވީން ވަގުތުން ދައްކާނަން- ސުއޫދު

ބޭނުންފުޅުވާ ކަހަލަ ވެރިކަމެއް ރާއްޖޭގައި އޮވެއްޖެނަމަ އަދުލް އިންސާފުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގައި އޮންނަ ބޮޑެތި ޝަރީއަތުގެ މަޖިލިސްތައް ޓީވީން ވަގުތުން ދެކޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮންނަ ޝަރީއަތްތައް ޓީވީން އާންމުނަށް ވަގުތުން ފެންނާނެ ގޮތް ހެދޭނީ "އަހަރެމެން އެދޭކަހަލަ ވެރިކަމެއްގައި" ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅެއްގެ ވެރިކަމެއް ކަމެއް ވިދާޅެއްނުވެއެވެ.

"އަހަރެމެން އެދޭ ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ހިނގާ ޝަރީއަތްތަކާއި އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގެ އަޑު އެހުންތައް ޓީވީން ލައިވްކޮށް ދެއްކޭނެ، ޝަރީއަތް ކުރަންވާނީ ހަމަހަމަކަމާއި އަދުލުވެރިކަމާއެކު" ސުއޫދު ވިދާޅުވިއެވެ.

"އަހަރެމެން އެދޭ ވެރިކަމެއްގައި" ކަމަށް ސުއޫދު ވިދާޅުވިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ކެމްޕޭން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތްގައި ސުއޫދު ވަނީ ފެނިގެން ގޮސްފައެވެ.

ސުއޫދު ވަނީ ދާދިފަހުން ސުޕްރީމް ކޯޓުގެ އެންމެ މަތީ ފަނޑިޔާރު ކަމުގައި ހުންނެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ މައްޗަށް ޖަލު ޙުކުމް އައުމާއެކު އެއީ އެ ފަނޑިޔާރުން މަގާމުގައި ތިއްބެވިއިރު ކަންކަން ކުރެއްވި ގޮތުން ދުނިޔެ މަތީގައި ކުރިމަތިވި އިބްރަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.