ރާއްޖޭގެ ހުރިހާ ސްކޫލެއް ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒްކޮށް، ދަރިވަރުން ކިޔަވަން ގެންގުޅޭ ޓެކްސް ފޮތް ތަކުގެ ބަދަލުގައި ދަރިވަރުންގެ އަތަށް ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ޓެބްލެޓް މިއަދު ދަރިވަރުންނާ ހަވާލުކުރަން ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ މާލޭގެ ބަޔެއް ސްކޫލް ތަކުގެ ދަރިވަރުންނާ ޓެބްލެޓް ހަވާލު ކޮށްފައެވެ. ނަމަވެސް ހުރިހާ ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް މިއަދު ހަވާލުކޮށް ނިންމާނުލެވިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ސްކޫލެއްގެ ހުރިހާ ދަރިވަރުންގެ އަތަށް ޓެބްލެޓް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޓެބްލެޓް ދަރިވަރުންނާ ހަވާލުކުރުމުގެ ކުރިން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލެއްވެސް ވައިފައިކޮށްފައެވެ. އެހެންކަމުން މި ޓާމުގައި ދަރިވަރުންނަށް ޓެބްލެޓްއިން ކިޔަވައިދޭން ފެށި ނަމަވެސް ދަރިވަރުންނާއި ޓީޗަރުން ޓެބްލެޓަށް އަހުލުވެރި ވަންދެން ކުރިން ބޭނުންކުރި ޓެކްސް ފޮތްތައްވެސް ދޫކޮށްނުލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ދަރިވަރުންނަށް މިއަދު ޓެބްލެޓް ދޭންފެށިއިރު ޓީޗަރުންނާ މީގެކުރިން ވަނީ ޓެބްލެޓް ހަވާލުކޮށް ނިންމާފައެވެ.