މެކްސިކޯ ޓީމުން ލަނޑު ޖެހި ވަގުތު މެކްސިކޯ ސިޓީއަށް ކުޑަވަރެއްގެ ބިންހެލުމެއް

މެކްސިކޯ ސިޓީއަށް އައި ލޮޅޫން ދައްކައިދޭ ގްރާފް

މެކްސިކޯ ގަޑިން އިއްޔެ ހެނދުނު 11:30 ހާއިރު (މާލޭ ގަޑިން ރޭ 8:30) މެކްސިކޯ ސިޓީއަށް ކުޑަވަރެއްގެ ބިން ހެލުމެއް އައި ކަމަށް މެކްސިކޯގެ ބިން ހެލުން މޮނިޓަރ ކުރާ އިދާރާއަށް ރެކޯޑްކުރެވިފައި ކަމަށް އެކަން ބެލުމުގައި ހަރަކާތްތެރިވާ މީހުން ބުނެފިއެވެ.

އެމީހުން ބުނެފައިވަނީ "ބަޔަކު އަމިއްލައަށް އުފެއްދި" އެ ކުޑަ ބިންހެލުން އައިސްފައި ވަނީ ރޭ ކުޅުނު ފީފާ ވާލްޑް ކަޕުގެ މެޗުގައި ޖަނުމަގުގެ ކޮޅަށް މެކްސިކޯއިން ލަނޑު ޖެހި ވަގުތު ޓީމަށް ތާއީދުކުރާ މީހުން އެއް ފަހަރާ ފުމެ އުފާކުރުމުގެ ސަބަބުން ބިން ގުޑައިގެންނެވެ.

"ފަހަރެއްގައި ގިނަ ބަޔަކު އެއްފަހަރާ ފުއްމައިގަތުމުގެ ސަބަބުން" އިންސްޓިޓިއުޓް އޮފް ޖިއޮލޮޖިކް އެންޑް އެޓްމޮސްފިއަރިކް އިންވެސްޓިގޭޝަންސްގެ މުވައްޒަފުން ބުނެފައި ވެއެވެ.

މެކްސިކޯ ވަނީ ގްރޫޕް ސްޓޭޖްގެ އެމެޗުގައި ވަރުގަދަ ޖަރުމަނުގެ މައްޗަށް 1 ލަނޑު 0 ލަނޑުން ކުރި ހޯދައި މެކްސިކޯގެ ތާރީޚުގެ ވާލްޑްކަޕުގެ އެންމެ ބޮޑު އެއް ކާމިޔާބީ ހޯދާފައެވެ.

މެޗުގެ ފަހު ކަށިގަނޑު ފުމެލުމާއެކު ތާއީދުކުރާ މީހުން މަގުތައް ފުރާލިއެވެ. އެތައް ގަޑި އިރެއް ވީއިރުވެސް މެކްސިކޯ ސިޓީ ތެރެއިން މީސްތަކުންގެ އުފާފާޅުކުރުމުގެ އަޑު ކަނޑައިގެން ނުދެއެވެ.

އިއްޔެ މެންދުރު ފަހުން މެކްސިކޯ ސިޓީގެ އެންމެ ބޮޑު މައިދާން ޒޮކާލޯއަށް އެއްވި މީހުން އަދަދު 75 ހާހަށް އަރާނެ ކަމުގައި އެރަށުގެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.