ރަޝިޔާއަށް ލިބުނު ކޯޯނަރަކުން އުފެއްދި ހަމަލާއެއްގައި ހުރަސްކުރި ބޯޅަ ޔޫރީ ގަޒެންސްކީ ބޮލުން ސައޫދީ އަރަބިއްޔާގެ ގޯލުތެރެއަށް ފޮނުވާލައިގެން މެޗުގެ 12 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރުމާއެކު ދަނޑަށް ވަދެތިބި އެތައް ހާސް މީހުންނާއި ރަޝިޔާގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ރަޝިޔާ މީހުން އުފަލުން ފޮޅިގެން ދިޔައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމަކަށް ދަނިކޮށް 43 ވަނަ މިނިޓުގައި ރަޝިޔާއިން ޖެހިި ދެވަނަ ލަނޑު ވައަތުފައިން ގޯލުގެ ކަނައަތްފަރާތު މަތީކަނަށް ޖެހީ ޑެނިސް ޗެރިޝޭފެވެ. އެއީ ސައުދީ ދިފާޢީ ކުޅުންތެރިންނަށް ހެދުނު ގޯހަކާގުޅިގެން ޖަހަން ލިބުނު މޮޅު ލަނޑެކެވެ.
މޮސްކޯގެ ލުޒުނިކީ ސްޓޭޑިއަމްގައި މުބާރާތް ހުޅުވަން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސައުދީ ޓީމަށް ނުރައްކާތެރި ހަމަލާއެއް ނުއުފެއްދުނީ މެދުތެރެއިން
ރަނގަޅަށް ނުކުޅެވުމާއެކު ގިނަ އަދަދަކަށް ނުބައި ޕާސްތައް ކުރެވުމުގެ ސަބަބުންނެވެ.
ފަހު ހާފުގައި ސައުދީ ޓީމުން މޮޅަށް ކުޅެ ނަތީޖާ ބަދަލުކޮށްފާނޭކަމަށް ހީ ކުރެވުނު ނަމަވެސް ރަޝިޔާގެ އިސްކޮޅުން ދިގު ވަރުގަދަ ކުޅުންތެރިންގެ ކުރިމަތީގައި ސައުދީ ކުޅުުންތެރިންނަށް ހަމަ ހިލާ އެއްކަމެއްވެސް ނުކުރެވުނެވެ.
ފަހު ހާފުގައި ފެނިގެން ދިޔައީ ރަޝިޔާ ޓީމުން އިތުރު ތިން ލަނޑުޖަހައި ފަސްތަރީގެ ބޮޑު ޝަރަފެއް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ގައުމަށް ހޯދައިދިންތަނެވެ. ރަޝިޔާގެ ތިން ވަނަ ލަނޑު 71 ވަނަ މިނިޓުގައި ބޮލުން ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަރުޗުމް ޒޫބާ އެވެ. ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖެހީ ޗެރިޝޭފާއި އެލެކްޒެންޑާ ގޮލޮވިން އެވެ.
ރަޝިޔާ އާއި ސައުދީ އެރަބިޔާއަކީ ފުޓުބޯޅައިގެ ދުނިޔޭގައި ފާހަގަކުރެވޭ ދެ ގައުމެއް ނޫނެވެ. ނަމަވެސް މުބާރާތް ހުޅުވި މެޗުގައި ރަޝިޔާއިން ފަސް ލަނޑު ޖެހުމުގެ ސަބަބުން ބެލުންތެރިންގެ ޝައުޤުވެރިކަން އިތުރުވެ ކުރިއަށް ހުރި މެޗުތަކަށް ކުރެވޭ އިންތިޒާރު ބޮޑުވެގެންދިޔައެވެ.
ރަޝިޔާ އާއި ސައުދީ ބައްދަލު ކުރި މެޗުގެ ކުޅިބައްލަވާލެއްވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާރ ޕުޓިން އާއި ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަޑައިގެންނެވިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި ރަޝިޔާ 5 ދުވަސްފަހުން ވާދަ ކުރާނީ މިސްރާއެވެ. ސައުދީ އެރެބިޔާ ކުޅެންޖެހޭނީ އުރުގުއޭއާއެވެ.