އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އުތުރު ކޮރެޔާއަށް ޒިޔާރަތްކުރެއްވުމަށް ޒައީމު ކިމް ޖޮންގ އުން، އެދެބޭފުޅުން އަންގާރަ ދުވަހު ސިންގަޕޫރުގައި ބައްދަލުކުރެއްވުމުގެ ތެރޭގައި، ދައުވަތު ދެއްވުމުން ޓްރަމްޕް އެ ދައުވަތު ގަބޫލުފުޅުކުރައްވައިފި ކަމަށް އުތުރުކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެެވެ. އެ ވަަސީލަތްތަކުން ސިފަކުރި ގޮތުގައި އެކަމަކީ، ޒަމާނުއްސުރެ ރުޅިވެރިކަން އޮތް ނިއުކުލިޔާ ދެބާރުގެ ގުޅުމަށް އައި "އިންގިލާބީ ބަދަލެކެވެ."
"ދެ ލީީޑަރުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ." އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން މިއަދު ބުނެފައި ވެއެެވެ.
ސިންގަޕޫރުގެ ކަޕެއްލާ ހޮޓަލުގައި ބޭއްވުނު ބައްދަލުވުމުމުގައި ކިމް ވިދާޅުވެފައިވަނީ އެމެރިކާއާއި އުތުރު ކޮރެޔާ އެއްބަޔަކު އަނެއް ބަޔަކު ރުޅިއެރުވުން ހުއްޓާލައި އެކަން ނުވާނެހެން އިދާރީ އަދީ ގާނޫނީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.
ބައްދަލުވުން ނިމުމަށް ފަހު ދެ ފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދެ ލީޑަރުން ސޮއިކުރެއްވި އެ އެއްބަސްވުމުގައި އުތުރު ކޮރެޔާ ވަނީ ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް މުޅިން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަނެއްކޮޅުން އެމެރިކާ ވަނީ އުތުރު ކޮރެޔާގެ 'ސަލާމަތާ ރައްކާތެރިކަން ޖާމިނުކޮށްދޭން' އެއްބަސް ވެފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އޭގައި ނެތް ބައެއް ތަފްސީލު ދެއްވަމުން ރައީސު ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެޔާގެ ނިއުކުލިޔާ ހަތިޔާރާ ނައްތާލެއްވުމަށް ޒައީމު ކިމް އަވަސް ފިޔަަވަޅުތަކެއް އަޅުއްވައިފިނަމަ، އެމެރިކާއިން ދެކުނު ކޮރެޔާއާއެކު ބާއްވަމުން އަންނަ ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ހުއްޓާލާނެ ކަމުގައެވެ.
1950 ގައި ކޮރެޔާ ޕެނިންސިއުލާ ދެބައިވެ، ދެކޮރެޔާާ އުފެދުމަށް ފަހު އުތުރު ކޮރެޔާއިން އަތުވެދާނެ ހަމަލާއަކުން ދެކުނު ކޮރެޔާ ދިފާއުކުރުމަށް ޓަކައި އެމެރިކާގެ 30 ހާސް ސިފައިން ދެކުނު ކޮރެޔާގައި ތިބެއެވެ. އެ ސިފައިންނާއި، ދެކުނު ކޮރެޔާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވަމުން އާދެއެވެ.
އިއްޔެ ސޮއި ކުރެވުނު އެއްބަސްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ދެން 'ހަނގުރާމައިގެ ކުޅަވަރު' ހުއްޓާލާނެ ކަމުގައެވެ.