ހިމްނާ މުގުރާލި ރެކޯޑުތައް

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ރޭހުގައި ހިމްނާ ދުވަނީ: ފޮޓޯ އެތުލެޓިކްސް އެސޯސިއޭޝަން

އައްޑޫ އަށް ނިސްބަތްވާ 16 އަހަރުގެ ހިމްނާވަނީ ރިކޯޑުތަކެއް މުގުރައި، ދުވުމުގައި އެވަރެއް ނެއްކަން ދައްކާލާފައެވެ.

އެގޮތުން ޖަޕާނުގައި ކުރިޔަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ ވަނީ 400 މީޓަރުގެ ގައުމީ ޔޫތު ރެކޯޑް މުގުރާލައިފައެވެ. އަންހެނުންގެ 400 މީޓަރުގެ މިދުވުމުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލީ 59.76 ސިކުންތުންނެވެ.

އަދި ސްރީލަންކާގައި މިދިޔަމަހު ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތު ދުވެގެން ހިމްނާ ހެދި 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ހިމްނާވަނީ 9 ޖޫން 2018 ވީ ހޮނިހިރު ދުވަހު އާކޮށްފައެވެ.

ހިމްނާ ވަނީ ފާއިތުވެދިޔަ އަހަރު އަދި މި އަހަރުވެސް މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވެ 2 އަހަރު ވެސް ވިދިވިދިގެން ރަން މެޑަލް ހޯދައިފައެވެ. މި ދެފަހަރުވެސް ހިމްނާވަނީ އުމުރުފުރާ އިން އެއްވަނަ އަންހެން އެތުލީޓްކަން އަދި މުޅި މުބާރާތުން އެއްވަނަ އަންހެން އެތުލީޓުގެ މަގާމް ވެސް ހާސިލް ކޮށްފައެވެ.

ހިމްނާގެ ކޯޗަކީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ ދުވުންތެރިޔާ ސުލްތާން ސައީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.