އެމެރިކާއިން ދުނިޔޭގެ އެންމެ އަވަސް ސުޕަރކޮމްޕިއުޓަރު ތައާރަފު ކޮށްފި

ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރު އެމެރިކާއިން އުފައްދައިފިއެވެ. 2013 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރުގެ ރެކޯޑު އޮންނަނީ ޗައިނާގެ އަތުގައެވެ. 2016 ވަނަ އަހަރު ޗައިނާއިން ވަނީ ދެވަނަ އަށް އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރުވެސް އުފައްދައިފައެވެ. އެކަމަކު އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުން މިހާރު ވަނީ ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރު އޮންލައިން ކޮށްފައެވެ. މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަރޖީގެ މަޝްރޫއެއެކެވެ. ކޮމްޕިއުޓާރު އުފެއްދީ އައިބީއެމް އިންނެވެ.

އެމެރިކާއިން އޮންލައިން ކުރި ސުޕަރކޮމްޕިއުޓަރުގެ ނަމަކީ "ސަމިޓް" އެވެ. މި ކޮމްޕިއުޓަރު ހުންނަނީ އޯކް ރިޖް ނެޝަނަލް ލެބޮރެޓޮރީގައެވެ. މި ކޮމްޕިއުޓަރުން ސިކުންތަކު 200 ކުއަޑްރިލިއަން ކަލްކިއުލޭޝަން (ހިސާބު) ހަދައެވެ. މިއީ އަޅުގަނޑުމެން ގޭގޭގައި މި ގެންގުޅޭ އާދައިގެ ކޮމްޕިއުޓަރަށްވުރެ އެއް މިލިއަން ގުނަ އަވަސް މިނެކެވެ. އަދި ޗައިނާއިން މިހައި ތަނަށް ދުނިޔޭގެ ރެކޯޑުގެ ގޮތުގައި ގެންގުޅުނު ސުޕަރކޮމްޕިއުޓަރަށްވުރެ ދެގުނަ އަވަސް މިނެކެވެ. މި ކޮމްޕިއުޓަރުގައި 37000 ޕްރޯސެސަރ ހުރެއެވެ. ބޮޑުމިނަކީ ޓެނިސްކޯޓުގެ ދެ ކޯޓުގެ ބޮޑުމިނެވެ. 4608 ސާރވަރ ހުރެއެވެ. ޖުމުލަ މެމޮރީއަކީ 10 ޕެޓަބައިޓެވެ. (ސައިންސްވެރިން މިހާރު ލަފާ ކޮށްފައިވާ ގޮތުގައި އިންސާނީ ސކުނޑީގައި ރައްކާކުރެވެނީ 2.5 ޕެޓަބައިޓްގެ މައުލޫމާތެވެ.) 1 ޕެޓަބައިޓަކީ 1024 ޓެރަބައިޓެވެ. އެއީ ގާތްގަނޑަކަށް 1.5 މިލިއަން ސީޑީގައި ރައްކާ ކުރެވޭ ވަރުގެ މައުލޫމާތެވެ.

މި ސުޕަރކޮމްޕިއުޓަރުގެ ބޭނުމެއް ކަމަށް ވަނީ މަސްނޫއީ ބުއްދި (އާރޓިފިޝަލް އިންޓެލިޖެންސް) ބޭނުންކުރާ ސޮފްޓްވެއަރ ހިންގުން އަވަސް ކުރުމަށް މަގުފަހި ކުރުމެވެ. މިއީ ޗައިނާގެ ސުޕަރކޮމްޕިއުޓަރު "ސަންވޭ ޓައިހޫލައިޓް" ގެ މަގުސަދެއް ނޫނެވެ. ސަމިޓްގައި 28000 ގްރެފިކްސް ޕްރޯސެސަރ އެބަހުއްޓެވެ. މި ޕްރޯސެސަރުތަކުގެ ބޭނުމަކީ މެޝިނަށް އެކި ކަންކަން ދަސްކޮށްދިނުމުގެ މަސައްކަތް ހިންގައިދިނުމެވެ.

ޢިލްމީ ހުރިހައި ދާއިރާއެއްގައި ކަހަލަ ގޮތަކަށް މިހާރު ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކުރަމުންނެވެ. އެކި ކަހަލަ ފޮޓޯތަކާއި މަންޒަރުތައް ދެނެގަނެ ތަހުލީލު ކުރުމާއި މީހަކާ ނުލައި އުޅަނދުފަހަރު ދުއްވުމާއި އެކި ކަހަލަ ވީޑިއޯ ގޭމްފަދަ ތަކެތީގައި މިހާރުވެސް އެކަށީގެންވާ އާޓިފިޝަލް އިންޓެލިޖެންސްގެ މިންވަރަކަށް ބޭނުން ކުރަމުން އެބަދެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައިވެސް މިއީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމެކެވެ. ވުމާއެކު މި އައު ސުޕަރކޮމްޕިއުޓަރަކީ ޢިލްމީ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވަނީ ބެލެވިފައެވެ.

ސަމިޓްގެ އާދަޔާ ޚިލާފު ހަލުވިކަމާއެކު ޖައްވީ ދިރާސާތަކާއި، ބޭސްވެރިކަމާއި، ހަޔަވިއްޔާތުގެ ދާއިރާ މިހާރަށްވުރެ ފުޅާވެ، އައު ހޯދުންތަކުގެ މަސައްކަތް އެތައް ގުނައެއް ހަލުވި ވެގެން ދާނެއެވެ. މިސާލަކަށް ޖައްވީ ބޮޑެތި ދުރުމީތަކުން ނަގާ ފޮޓޯތަކުން މިހާރު ފާހަގަ ނުކުރެވޭ ތަކެތި ފާހަގަ ކުރުމުގައި މި ކޮމްޕިއުޓަރުގެ އެހީތެރިކަން ހޯދާނެއެވެ. އަދި ހޯދުން އުނދަގޫ ޑީއެންއޭ ގެ ތަހުގީގާއި ތަހުލީވެސް އެތައް ގުނައަކަށް ފަސޭހަވެ، އިތުބާރު ބޮޑުވެގެންދާނެއެވެ.

އެމެރިކާއާއި ޗައިނާއާއި ޔޫރަޕިއަން ޔުނިއަންގެ ބައެއް އެހެން ގައުމުތަކުގެ އަމާޒަކަށް ވެފައި ވަނީ ސިކުންތަކު ކުއިންޓިލިއަން ހިސާބު ޖަހާ (ކަލްކިއުލޭޝަން) ވަރުގެ އަވަސް ސުޕަރ ކޮމްޕިއުޓަރެއް އުފެއްދުމެވެ. އެއީ ސަމިޓަށްވުރެ ފަސް ގުނަ އަވަސް ކޮމްޕިއުޓަރެކެވެ. އެމެރިކާއިން 2021 ވަނަ އަހަރު ނެރޭނޭ ކަމަށް ބުނާ މި ދެންނެވުނު ކޮމްޕިއުޓަރަށް ކިޔާނޭ ނަމަކީ "އޯރޯރާ" އެވެ. (މައުލޫމާތު: "ޕޮޕިއުލަރ މެކޭނިކްސް" އިން "އޯކް ރިޖް ނޭޝަނަލް ލެބޮރޮޓަރީ" އާ ހަވާލާ ދީފައިވާ ލިޔުމެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.