މަންމަ ގެ ރުޅި މިހާރު ހުރީ އިންތިހާ އަށް އަރައިފައެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަނގައިން ނުބުނެ ހުރުމެވެ.
"ކަލޭމެންނަކަށް ފިލްމު ބެލުން ނޫން ކަމެއް ކުރެވޭ ކަމަކަށް ނުވޭ- ކޮންމެވެސް ހީނާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗެއް ނުބަލައެއް ލޮލަކަށް ނިންޖެއް އަންނަ ކަމަކަށް ނުވޭ-" މަންމަ އެއްޗެތި ގޮވަމުން ދިޔަ އެވެ.
މިއީ ކޮންމެ ދުވަހެއްގެ އާދަ އެވެ. ސަފީނާ ދެކޭ ގޮތުގައި އެއީ އުމުރުގެ ތަފާތުގެ ސަބަބުން އުފެދިގެން އުޅޭ ކަމެކެވެ. މަންމަމެންގެ ދުވަސްވަރަކީ މިހާރުހެން ޑިޝް އެންޓަނާ ހުރި ޒަމާނެއް ނޫނެވެ. ކޭބަލް ޓީވީގެ ޒަމާނެއްވެސް ނޫނެވެ. މިހާރު ދައްކާ ކަހަލަ ރީތި ފިލްމު ދައްކާ ދުވަސްވަރެއްވެސް ނޫނެވެ. އެހެންވީމާ އެ ފަދަ އެއްޗެތީގައި ހުންނަ ޖާދޫއެއް ނޭނގޭނެއެވެ. ފިލްމުގެ ސަބަބުން މީހާގެ ސިކުނޑި ތާޒާ ވަމުންދާ ކަމެއްވެސް ނޭނގޭނެއެވެ.
ކުއްލިއަކަށް އިވުނީ ބޭރު ދޮރުގައި މީހަކު ޓަކި ޖަހައިލީ އަޑެވެ. ސަފީނާ މަޑު މަޑުން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރު މަތީގައި ހުރީ މިލްނާ އެވެ. ސަފީނާ އަށް އެއްޗެކޭ ބުނެވުމުގެ ކުރިން މަންމަ އަމުނައިގެންފިއެވެ. "އާނ- އާދޭ- އަވަހަށް ވަދޭ- މަޑު މަޑުން ގޮސް އެންމެން ހަމަ ވަނީ- ދެން ކޮޓަރިއަށް ވަދެ ކޮންމެވެސް ފިލްމެއް އަޅުވާ- އޭރުން އޮންނާނީ މިއަދުގެ މަސައްކަތްތައް ކޮށް ނިމިފައި-"
"ދައްތާ- އެކަމަކު ތިޔަ ވަރު ތަންކޮޅެއް ބޮޑު- މިއަދަކީ ބަންދު ދުވަހެއް- އޮފީހަކަށް ދާކަށް ނުޖެހޭނެ- އެހެންވީމާ ފިލްމެއް ބަލާލިއްޔާ އެއީ އެ ވަރުގެ ކަމެއްތަ-" މިލްނާ ހިނިތުންވެލިއެވެ.
"ނޫނޭ- އެއީ އެ ވަރުގެ ކަމެއް ނޫން- ދުވާލަކު ތިން ހަތަރު ފިލްމު ބަލާ އިރުވެސް ހިތެއް ނުއެއް ފުރޭ- ތިޔަ ފިލްމު ހަދާ މީހުންވެސް ވާ ކުޅަދާނައޭ އަހަރެންގެ ހިތަށް އަރާ- ގައިމު ކަލޭމެން ބަލައެއް ފިލްމެއް ހުހެއް ނުވޭ-"
މަންމަގެ ޚިޔާލު ހުންނަލެއް މުސްކުޅި ކަމުން ދިމާވާ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގިނަ ވަމުންނެވެ. ބައެއްފަހަރަށް ވާހަކަ ދައްކާ ގޮތް ކަމަކު ނުދާނެއެވެ. ބައެއް ފަހަރަށް ކަމު ނުދާނީ ހެދުން އަޅާ ގޮތެވެ. ޓީވީން ބަލާ ޕްރޮގްރާމް ތަކާ ހެދި ބައެއް ފަހަރަށް އެއްޗެތި ގޮވާނެއެވެ.
ބައްޕަ މުޅިން ތަފާތެވެ. ބައްޕަގެ ހުންނަނީ ވަރަށް މިނިވަން ޚިޔާލެކެވެ. ޒަމާނަށް ފެތެން ޖެހޭނެ ކަމަށް ބައްޕަ ޤަބޫލު ކުރެއެވެ. އެ ޒަމާނެއްގައި ހިނގާ އޮއިވަރަކާ ދެކޮޅަށް ދާން އުޅުމަކީ މޮޔަ ކަމެއް ކަމަށް ބައްޕަ އަބަދުވެސް ބުނެއެވެ. ޚިޔާލު ތަފާތު ވުމުގެ ސަބަބުން ބައްޕަ އާއި، މަންމަ އަރައިރުން ވާ ފަހަރުވެސް އާދެއެވެ. ޒުވާބު ގަދަ ވެގެން ގޮސްރުޅި އައިސްގެން ދެތިން ދުވަސް ވާންދެން އެކަކު އަނެކަކާ އަނގައިން ނުބުނެ ވެސް ތިބެއެވެ.
"ކަލޭގެ ކަންތަކާ ހެދި މިހާރަކު އެ މަންޖެ އަކަށް ގެއަކަށްވެސް ނުވަދެވޭ-" ބައްޕަ އެއް ދުވަހަކު މަންމަ އާ ދިމާ އަށް ބުންޏެވެ.
"އާނ- އޭނާ އުޅެން ރަނގަޅު ވާނީވެސް އަހަރެން ނޫޅޭ ތަނެއްގައި- އޭނާ ވިހެއީ އަހަންނެއް ނޫން ވިއްޔަ-" މަންމަ ނުރުހުން ވެއްޖެއެވެ.
"ބަލަ ވިހެއީމާ އެ ނިމުނީތަ-؟ އޭގެ ފަހުން ދަރިންނަށް ހަމަ ޖެހިގެން ދިރި އުޅުނަ ނުދިނަސް ވަރިހަމަތަ-؟" ބައްޕަ ވެސް ކުޑަ ކޮށް ރުޅި އަންނަ ގޮތް ވާން ފަށައިފިއެވެ.
"ތިޔަ ބުނާ ދިރިޅުމަކީ ކޮބައިތަ-؟ ރެޔާއި، ދުވާލު ހިލޭ ފިރިހެނުންނާ އެކީ ބޭރުގައި އުޅުމަކީ ހަމަ ޖެހޭ ދިރިއުޅުމެއްތަ-؟ ގެއަށް ވަދެއްޖެއްޔާ އޮންނާނީ ޓީވީ ޖައްސައިގެން ފިލްމެއް ބަލަން- އެހެން ނޫނީ ކޮންމެވެސް ރިތިކެއް ނޫނީ އެހެން ކޮންމެވެސް މީހެއްގެ ފޮޓޯ އެއް ފާރުގައި ތަތް ކޮށްގެން އެއާ ދިމާ އަށް ބަލަން-"
"އެއީ ޒަމާނާ އެކީ އަންނަ ބަދަލު- އިހަށް މީހުން އުޅެނީ ކޮންމެވެސް އެހެން މީހެއްގެ ފަހަތުން- މިހާރު އުޅެނީ ރިތިކާ ހެދި މޮޔަ ވެގެން- އެއީ އަކީ ހުއްޓުވޭނޭ ކަމެއް ނޫން-" ބައްޕަ ނަޞޭޙަތުގެ ރާގަކަށް ބުނެލިއެވެ.
"އާނ- ތިޔަ ދައްކަނީ މާ މޮޅު ވާހަކައެއް- ބޮޑެތި ވެފައި ތިބޭ އަންހެން ދަރިން ލޮލަށް ދުވަހަކުވެސް ނުފެންނަ މީހަކާ ހެދި މޮޔަ ވެގެން އުޅޭތަން ބަލަން ހިތްވަރު ދީދީ ހުރުމަކީ ޒަމާނަށް ފެތުން- ވަރަށް ރަނގަޅު-" މަންމަ މަލާމާތް ކޮށްލިއެވެ.
ބައްޕަ ހިނިތުން ވެލިއެވެ. "ޝަރީފާ- ތިޔަ ބުނާ ހިލޭ ފިރިހެނުންނާ ހެދި މޮޔަ ވެގެން އުޅުމާއި، ރީތި ނޫނީ މޮޅު މީހަކަށް ތާއީދު ކުރުމާ ހުރި ތަފާތެއް ކަލެއަކަށް ނުވިސްނޭނެ- އެހެންވީމާ މި ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ހެންނެއް އަހަންނަކަށް ހިއެއް ނުވޭ- ކޮންމެ ގޮތެއް ވިޔަސް މީގެ ފަހުން އެ މަންޖެއާ އެހައި ބޮޑަށް އަޅައިގަނެގެން ނޫޅޭތި- މިހާރު އޭނާ އެހެރީ ބޮޑު ވެފައި- ކިޔަވައި ނިމިގެން އޮފީހަކަށް ދަނީ- އެހެންވީމާ ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް ދީފައި ބާއްވާ-"
"އާނ- އަހަރެން މީގެ ފަހަކުން އަޅައެއް ނުލާނަން- އޭނާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްފައި ބަހައްޓާނީ- ބޮނޑިއެއް ބޮއިގެން އައީމާ ޚާލިދު އެއްވެސް މައްސަލައެއް ޖައްސައިގެން ނުވާނެ-"
މި ވާހަކަތައް އަޑު އަހަން ހުރެފައި ސަފީނާ ހިނިތުން ވެލިއެވެ. ބައްޕަ އޭނާގެ ދިފާޢުގައި ވާހަކަ ދެއްކީތީ ވަރަށް އުފާ ވިއެވެ. އެހެން ނަމަވެސް މަންމަ އެ ބުނާ ގޮތަށް އަޅާނުލައެއް ނުހުންނާނެ ކަން އޭނާ އަށް އެނގެއެވެ. މިއީ އެހެން ބުނާ ފުރަތަމަ ދުވަހެއް ނޫނެވެ. އެކަމަކު ހަމަ ފިޔަވަޅެއް އަޅާ އިރަށް މަންމަ ގެ އަނގަ ސަރަކަ އެނބުރިގަންނާނެއެވެ. ކިތަންމެ ގިނަ ބަޔަކު ތިއްބަސް ބަލައެއް ނުލާނެއެވެ.
މަންމަގެ ހަރުކަށި ކަމަކީ މަންމަ ކުޑަ އިރު ތަރުބިއްޔަތު ކުރެވިފައިވާ ގޮތަކުން އަށަގެންފައިވާ ކަމެކެވެ. އެހެން ކަމަށް ވާނަމަ ކުށްވެރި ވަނީ މާމަ އާއި، ކާފައެވެ. ކާފަމެންގެ ހަރުކަށި ކަމުގެ ސަބަބަކީ ކޮބައި ބާވައެވެ؟ މިއީވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިހެން އުފެދޭ ސުވާލުތައް ގިނަ ވެގެން ގޮސް ނިމޭނީ އިންސާނުން އުފެއްދެވި ހިސާބުން ކަމަށްވެސް ވެދާނެއެވެ. އެހެންވީމާ އޭނާ ދެކޭ ގޮތުގައި ވަކި މީހަކު ކުށްވެރި ކުރުމަކީ އެއްވެސް ކަމެއްގެ ޙައްލަކަށް ނުވާނެއެވެ. މަންމަ އަށް ވިސްނައި ދީގެން މި ޒަމާނުގެ ތަހުޒީބަށް ފެއްތޭތޯ ބަލަން ވީއެވެ. އަހަރެން ފަހަތަށް ގޮސް ބޯދާ ޚިޔާލުގެ ތެރެއަށް ވަނުމަކީ ބުއްދިވެރި ކަމަކަށް ނުވާނެއެވެ. އެއީ އެއްވެސް ދުވަސްވަރެއްގައި އެއްވެސް ބަޔަކު ކަންތައް ކޮށްފައި އޮތް ގޮތެއް ނޫނެވެ. އަބަދުވެސް ދާން ޖެހޭނީ ކުރިއަށެވެ. ފަހަތަށް ދިއުމަކީ ތަރައްޤީ އަށް އެޅޭ ހުރަހެކެވެ.
(ނުނިމޭ)