ސްރީލަންކާގެ މީޑިއާތަކުގެ ބެލެނިވެރި އިދާރާއިން އެގައުމުގެ ޓެލްޝާން ޓީވީ ނެޓްވާކް ބަންދުކޮށްފިއެވެ. މި އިދާރާއަކީ ސީދާ ރައީސުގެ ބެއްލެވުމުގެ ދަށުން ހިނގާ އިދާރާއެކެވެ. މިކަމުގެ ސަބަބުން ކުރިއްސުރެ ގޯސްވެފައިވާ ވެރިކަންކުރާ ކޯލިޝަނުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.
ޓީވީ ނެޓްވާކް ބަންދުކޮށްފައި މިވަނީ އެޗެނެލުން ރައީސު ސިރިސޭނާގެ ސިޔާސަތަށް ފާޑުކީ ފަހުން މާގިނަ ދުވަހެއް ނުވަނީހެވެ. އެހެންނަމެވެސް މީޑިއާތަކާ ބެހޭ އިދާރާއިން ބުނެފައިވަނީ އެ ޗެނެލް ބަންދުކުރީ ސަރުކާރަށް ދައްކަން ޖެހޭ ފީތައް ނުދައްކައިގެން ކަމުގައެވެ. އެ ޗެނެލުގެ ވެރިފަރާތުން މިކަން ދޮގުކުރެއެވެ.
މީގެ ކުރިން ރައީސު ސިރިސޭނާ ވަނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް ސަރުކާރުން ދަތިކުރުން ނިމުމަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ޓެލްޝާން ޓީވީ ނެޓްވާކަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ ބޭބޭފުޅު ޝާން ވިކްރަމަސިންހާ ހިންގަވާ ޗެނެލެކެވެ. 2015 ވަނަ އަހަރު ސިރިސޭނާ ރައީސުކަމަށް ހޮވައިދިނުމުގައި ބޮޑު ދައުރެއް އަދާކުރި ޔުނައިޓެޑް ނޭޝަލް ޕާޓީ (ޔޫއެންޕީ) ނިސްބަތްވާ މެންބަރުން ވަނީ މިނިންމުމާމެދު ގާނޫނުހަދާ މަޖިލީހުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. ޔޫއެންޕީ އަކީ ވިކްރަމަސިންހާގެ ޕާޓީއެވެ.
"މިއީ އަހަރުމެންނަށް ގަބޫލުކުރެވޭނޭ ކަމެއް ނޫން." ޔޫއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ މީޑިޔާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ނިންމުމާ ބެހޭ އެއްވެސް ކަމެއް އޭނާއަށް އަންގާފައި ނުވާކަމުގައެވެ.
ޓެލެޝާން ބަންދުކުރެއްވުމަކީ ރައީސު ސިރިސޭނާ ޚަބަރުފަތުރާ ވަސީލަތަކާ މެދު އެޅުއްވި މިފަދަ ފުރަތަމަ ފިޔަވަޅެވެ.
ވެރިކަންކުރާ ކޯލިޝަންގައި މައްސަލަތައް ބޮޑުވެ ރައީސު ސިރިސޭނާގެ ވެރިކަން ބަލިކަށިވަމުންދާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ކަން މިހެން އޮތްއިރު ދެ ލީޑަރުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.