ރޯދައިގެ ފިލާވަޅު 18: މާތް ﷲގެ މަގުގައި ހިފޭ ރޯދައަކީ ކޮބާ؟

عَنْ أَبِي سَعِيدٍ الْخُدْرِيِّ، - رضى الله عنه - قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا ‏"‏. (صحيح مسلم، كتاب الصيام، باب فَضْلِ الصِّيَامِ فِي سَبِيلِ اللَّهِ لِمَنْ يُطِيقُهُ بِلاَ ضَرَرٍ وَلاَ تَفْوِيتِ حَقٍّ)

އަބޫ ސަޢީދު އަލްޚުދްރީ رضى الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. މާތް ﷲގެ މަގުގައި އެއް ދުވަހު ރޯދަ ހިފައިފި މީހާ ދަންނާށެވެ. ފަހެ، މާތް ﷲ އޭނާގެ މޫނު ހަތްދިހަ ޚަރީފަށް (އެބަހީ ހަތްދިހަ އަހަރުގެ ރާސްތާއަށް) ނަރަކައާ ދުރުކުރައްވާނެއެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު: 1153)

މި ޙަދީޘުގައި އައިސްފައި މިވަނީ މާތް ﷲގެ މަގުގައި ރޯދަހިފާ މީހަކަށް އެކަލާނގެ ދެއްވާ މަތިވެރި ދަރުމައިގެ ވާހަަކަ އެވެ. އެއީ ހަތްދިހަ އަހަރުގެ ރާސްތާއަށް އޭނާ ނަރަކަައާއި ދުރުކުރެއްވުމެވެ. ނަރަކަ އަނދާ އަޑާއި، ނަރަކައިގެ ހޫނު އިހްސާސް ނުކުރެވޭހާ ދުރަށް އޭނާ ގެންދެވުމެވެ. ހަމައެކަނި ނަރަކައިން ދުުރުކުރައްވަނީއެއް ނޫނެވެ. ނަރަކައިގެ އިޙްސާސުވެސް ނުކުރެވޭ މިންވަަރަށް އޭނާ ނަރަކައާ ދުރުކުރައްވަނީއެވެ.

ކީރިތި ރަސޫލުﷲ صلى الله عليه وسلم ގެ ބަސްފުޅު "މާތް ﷲގެ މަގުގައި" މިބަސްފުޅުގެ މާނައާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް އައިސްފައި ވަނީ ދެގޮތަކަށެވެ. އެއް ގޮތަކީ މާތް ﷲގެ މަގުގަައި ރޯދަ ހިފާ މީހަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ނުކުމެހުރެ ހަނގުރާމައިގެ ތެރޭގައި ރޯދައަށް ހުންނަ މީހާއެވެ.

ދެވަނަ ގޮތަކީ މާތް ﷲގެ ޙަޟްރަތުން ދަރުމަ އަދައިގެން އެކަލާނގެއަށް އިޚްލާޞްތެރިވެ ރޯދަހިފުމެވެ. މިގޮތަށް ވިދާޅުވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެހެން އެއްވެސް ބޭނުމެއް ހިތުގައި ނެތި ހަމައެކަނި މާތް ﷲގެ ދަރުމަ އެދިގެން ރޯދަހިފާ ކޮންމެ މީހަކީ މާތް ﷲގެ މަގުގައި ރޯދަހިފާ މީހެކެވެ. ފަތުޙުލް ބާރީގައި މިޙަދީޘު ޝަރަޙަކުރައްވަމުން، މާތް ﷲގެ މަގުގައި ހިފޭ ރޯދައަކީ، މާތް ﷲގެ މަގުގައި ޖިހާދަށް ނުކުމެ ހުރެ ހިފާ ރޯދަކަމަށް  ވިދާޅުވާ ބޭފުޅުންގެ ބަސްފުޅު ގެންނެވުމަށް ފަހު އިބްނު ޙަޖަރު ވިދާޅުވެފައި ވަނީ "މިއަށްވުރެ ޢާއްމު މާނައެއް މީގައި އެކުލެވިގެން ވުމަކީ ވެދާނެ ކަމެކެވެ."

މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް ޢަބްދުލްޢަޒީޒު ބިންބާޒް ވެސް ތާއީދުކުރައްވާފައިވަނީ ދެވަނަ ގޮތަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.