ވިދިވިދިގެން ތިންފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިތާ އެންމެ ފަސް ދުވަސް ފަހުން ރެއާލް މެޑުރިޑުގެ ކޯޗު ކަމުގެ މަގާމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދީފިއެވެ.
މިއަދު ބޭވި ކުއްލި ޕްރެސް ކޮންފަރެންސްގައި ޒިދާން ބުނެފައިވަނީ އޭނާ ރިއާލް މެޑްރިޑްގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމައިފައިވާ ކަމަށެވެ. އަދި މިވަގުތު މިއީ ވަރަށް އަޖާއިބު ކުރުވަނިވި ވާހަކައަކަށް ވިޔަސް މިއީ ކްލަބަށާއި، ކްލަބުގެ ކުޅުންތެރިންނަށާއި އޭނާ އަމިއްލަ ނަފުސަށް ވެސް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ބުންޏެވެ. މިއީ އިސްތިއުފާދޭން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ކުރިޔަށް އޮތް ސީޒަނުގައި އެއްވެސްޓީމަކަށް ކޯޗު ނުކޮށްދޭނެ ކަމަށެވެ. މިވަގުތަށް އޭނާ ބޭނުންވަނީ ފުޓުބޯޅައާ ދުރަށްޖެހިލަން ކަމަށްވެސް އޭނާ ބުންޏެވެ.
ރިއާލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިކަމާބެހޭ ގޮތުން ބުނެފައިވަނީ ކްލަބްގައި މަޑުކުރުމަށް އޭނާ ޒިދާން ގާތުން އެދުނު ކަމަށާއި މިއީ ޒިދާންގެ އެންމެ ފަހު ނިންމުން ކަމަށެވެ. އަދި ޒިދާން އެނބުރި އަންނާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ޕްރޭޒް ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކާމިޔާބުކޮށްގެން ރެއާލް ތަށިއުފުލާލުމުން ޒިދާން ވެފައިވަނީ އެއް ކްލަބަކަށް ވިދިވިދިގެން ތިންފަހަރު އެތަށި ހޯދައިދިން ފުރަތަމަ ކޯޗަށެވެ.