ރޮބާޓް ލެވަންޑޯސްކީ ބޭނުންވަނީ ބަޔާން ދޫކޮށްލަން: އެޖެންޓު

ބަޔާން މިޔުނިކުގެ ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީ ބަޔާން މިޔުނިކް ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާގެ އެޖެންޓު ބުނެފިއެވެ.

ސްޕޯޓްސް ބިލްޑާ ވާހަކަދައްކަމުން ލެވަންޑޯސްކީގެ އެޖެންޓު ޒަހާވީ ބުނެފައިވަނީ ރޮބާޓް ބަދަލަކާއެކު އޭނާގެ ކެރިއަރުގައި އައު ފުރުސަތު ތަކެއްވެސް ބޭނުންވާ ކަމަށެވެ. އެކަން ބަޔާންގެ މެނޭޖަރަށްވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 29 އަހަރުގެ ލެވަންޑޯސްކީ ބަޔާނާ ގުޅިފައިވަނީ 2014 ވަނަ އަހަރު ދިގު މުއްދަތެއް އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގައެވެ. ބަޔާނަށް މިހާތަނަށް އޭނާ ކުޅެފައިވާ 195 މެޗުގައި އޭނާ ވަނީ 151 ލަނޑު ޖަހައިފައެވެ.

ލެވަންޑޯސްކީ ގެ އެޖެންޓު މިހެން ބުންޏަސް މިމަހުގެ ކުރީކޮޅު ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގާ ބުނެފައިވަނީ ރޮބާޓް ލެވަންޑޯސްކީ އާއި ބަޔާނާ ދެމެދުއޮންނަ ގުޅުމާމެދު މާބޮޑަށް ވިސްނުމުގެ ބޭނުމެއްނެތް ކަމަށެވެ. އެ ކުލަބާއި އޭނާއާ ދެމެދު އޮތީ އެއަށްވުރެ ރަނގަޅު ގުޅުމެއް ކަމަށް ކާލް ބުންޏެވެ.

ރޮބާޓް ލެވަންޑޯސްކީއާއެކު އެހާ ދިގު އެއްބަސްވުމެއް އޮތުމަކީވެސް ވަރަށް އުފާވާ ކަމެއް ކަމަށްވެސް ކާލް-ހެއިންޒް ބުނެފައިވެއެވެ. ދެން އަނަން ޒީޒަނެއްގައި ވެސް ލެވަންޑޯސްކީ ކުޅޭނީ ބަޔާނަށް ކަމަށް އޭނާ ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.