ނިއުރޭޑިއަންޓުގެ މަޝްހޫރު ސަޕޯޓަރު ކައިރޭ ނިޔާ ވެއްޖެ

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި ގަލޮޅު ދަނޑާއި ހެންވޭރު ދަނޑުން ފެނިގެންދިޔަ މަޝްހޫރު ކައިރު ޅަތުއްތު (ކައިރޭ) މިއަދު ނިޔާ ވެއްޖެއެވެ.

ކައިރޭ މިއަދު ނިޔާވީ އޭނާގެ އަންހެނުންގެ ރަށް ކަމުގައިވާ ރ. އުނގޫފާރުގައި ހުއްޓައެވެ. އުމުރުން ޒުވާންއިރުން ފެށިގެން މުސްކުޅި އުމުރުގައިވެސް ނިއުރޭޑިއަންޓްގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި މުޅި ހެންވޭރުގައި ވިދާލި ކައިރޭއަކީ އެއްއިރެއްގައި ނިއުގެ ސަޕޯޓަރުންގެ ރޫޙެވެ.

ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އާންމުކޮށް ތިބޭ މަޖީދީމަގު ސިޑިބަރި ނިއު ކުޅޭއިރު ފަޅުފިލުވާލަދީ ނިއުގެ ސަޕޯޓަރުންނަށް އެންމެ ބޮޑު ހިތްވަރެއް ގެނެސްދޭ ކައިރޭއަކީ ފުޓްބޯޅަ އާއިލާގައި ވަރަށް މަޝްހޫރު ސަޕޯޓަރެކެވެ. ވަރަށް ފަހަކާ ޖެހެންދެކަށްވެސް ކައިރޭ ދިޔައީ ގަލޮޅު ދަނޑުގައި ނިއުރޭޑިއަންޓް ކުޅޭ ފުޓްބޯޅަ މެޗު ތަކަށް ގަވައިދުން ވަންނަމުންނެވެ.

ކައިރޭ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ވަރަށް ސަމާސާ މިޒާޖުގެ މީހެއްގެ ގޮތުގައެވެ. ނިއުރޭޑިއަންޓާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކާ ދެކޮޅަށްވެސް ވާހަކަ ދައްކާއިރު ކައިރޭއަކީ ލޭ ކެކިގެންދާ ނިއުގެ ވަރުގަދަ ސަޕޯޓަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައިރޭގެ ޖަނާޒާ މިރޭގެ ވަގުތެއްގައި އުނގޫފާރުގައި ކުރިޔަށް ގެންދާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.