އަލީ ވަހީދު ޖުމްހޫރީޕާޓީއަށް ސޮއި ކުރައްވައިފި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު (ބަލަކް) މިރޭ ޖުމްހުރީޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފައެވެ.

އޭނާ އެޕާޓީއަށް ސޮއި ކުރެއްވީ ޖަރުމަނު ވިލާތުގައި ޖޭޕީން މިރޭ ބޭއްވި ޖަލްސާގައެވެ. އެޕާޓީއަށް އޭނާ ސޮއި ކުރެއްވުމުގެ ކުރިން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހަށް އަބަދުވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑު މިވަގުތަށް ވަކިވެލީ. އެހެނަސް އަޅުގަނޑުގެ ހިތާއި ހިތުގެ ގުޅުމެއް ނުފޮހެވޭނެ،" އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަލީ ވަހީދާއެކު އޭނާއަށް ތާއިދުކުރާ ބައެއް މީހުންވެސް ވަނީ މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފައެވެ.

ޖޭޕީއަށް ސޮއި ކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގައި ކާމިޔާބު ހޯދެންއޮތީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ކަމަށެވެ. ސިޔާސީ ގޮތުން މިހާރު ދިމާވެފައިވާ ކަންކަން ވެސް އެންމެ ރަނަގަޅަށް އެންމެ ގޮވައިގެން އެކަން ކުރެވޭނެ ލީޑަރަކީވެސް ގާސިމް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ގާސިމް ސިފަކުރެއްވީ ސިޔާސީ "ހުދަންބަރެއް" ގެ ގޮތުގައެވެ.

މިރޭގެ ޖަލްސާގައި އޭނާ ވަނީ އެމްޑީޕީއަށާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޖީ ލީޑަރަށާއި، އެޕާޓީގެ ޗެއާޕާސަނަކަށް އިންތިޚާބު ކުރި ފަހަރު ވޯޓު ދެއްވި އެންމެނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.