ޑޮކްޓަރު ޢަބްދުލްމަޖީދަކީ ފުރިހަމަ ބައިވެރިއެއް

ދުނިޔެއަށް އަންނަ ކޮންމެ މީހަކުމެ މަރުވާނެއެވެ. އެކަކުވެސް ތާއަބަދަކު ދިރިއެއް ނުހުންނާނެއެވެ. މިއީ ގުދުރަތުގެ ގާނޫނެވެ. އެކަމަކު މީހަކު މަރުވުމާއެކު، އެކަމާ ހައިރާން ވުމާއި، ދެރަވުމަކީ އިންސާނީ ޠަބީޢަތެވެ. ހަގީގަތް އޮތް ގޮތް އެނގުމާވެސް އެކުގައެވެ.

ޑޮކްޓަރު ޢަބްދުލްމަޖީދު އަވަހާރަވީ ޚަބަރު ލިބުނީމާ އަޅުގަނޑަށްވެސް ވީ އެކަހަލަ ގޮތެކެވެ. ފުރަތަމަ ވީ ހައިރާނެވެ. ދެން ވީ ދެރައެވެ. ހައިރާންވީ އެމަނިކުފާނު އަވަހާރަ ނުވާނޭކަމުގެ ޔަގީންކަން އެއްވެސް ސިފައެއްގައި އަޅުގަނޑަށް ލިބިފައި އޮވެގެންނެއް ނޫނެވެ. އެ އުމުރުފުޅުގައި އަޅުގަނޑުމެން ދޫކުރައްވައި ދެމިއޮތުމުގެ ގޮވައްޗަށް ވަޑައިގަންނަވާން ﷲ ތަޢާލާ އިރާދަ ކުރެއްވީމާ، ލިބުނު ސިހުމުގައި ހައިރާން ވެވުނީއެވެ. ދެރަވީ ގައުމަށް ލިބުނު ބޮޑު ގެއްލުން ހިތަށް އެރީމައެވެ. ދަރިވަރުންގެ މަހުރޫމީ ހިތަށް ސިފަ ކުރެވުނީމައެވެ. އާއިލާގެ ފަޅުކަން ސިކުނޑީގައި ކުރެހުނީމައެވެ.

އަޅުގަނޑަށް އެންމެ ފުރަތަމަ ޑޮކްޓަރު ޢަބްދުލްމަޖީދުގެ ފައިންޕުޅު ފެނުނީ އެމަނިކުފާނުގެ މިނިސްޓަރު ކަމުގައެވެ. މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަޅުގަނޑު ދިޔައީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ. ދިޔައިރު ކުޑަކޮށް ޖެހިލުންވިއެވެ. އަޅުގަނޑުގެ ކުރިމަތީގައި އެ ފެންވަރުގެ ބޮޑެތި ޢިލްމުވެރިންގެ ހައިބަތު ބޮޑު ކަމުންނެވެ. ކުރެވޭ ގަދަރެއްގެ ބޮޑުކަމުންވެސް މެއެވެ.

އެކަމަކު އެންމެ ފުރަތަމަ ބަސްފުޅެއް ވިދާޅުވުމާއެކު އަޅުގަނޑުގެ ޖެހިލުންވުން މުޅީން ކެނޑިގެން ހިނގައްޖެއެވެ. ވާހަކަފުޅު ދެއްކެވި ގޮތުންނެވެ. ގާތްކަން އިހުސާސް ކުރެވުނު ބޮޑުކަމުންނެވެ. އަޅުގަނޑު ކަހަލަ އަލިފުބާގެ ސަފުހާގައި އުޅޭ މީހަކަށް ޑޮކްޓަރު މަޖީދު ދެއްކެވި ހެޔޮފުޅުކަމުންނެވެ. އެމަނިކުފާނު ބޭނުންފުޅުވީ އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކު ނެރުއްވާ "ދިންނަވާނޭ މަގު" އަށް އަޅުގަނޑު ލައްވައި ލިޔުއްވާށެވެ. ބަލައިލީ ކޮންމެ ދިމާއަކުން ޢިލްމުވެރިންގެ ހައްސަ ބޭފުޅުން ނެރުއްވޭނޭ ތަނެއްގައި އަޅުގަނޑު ފަދަ މީހަކާ އެފަދަ ވާހަކަފުޅެއް ދެއްކެވީމާ އުފާ ކުރާންވީ ކަމެއް، ހައިރާން ވާންވީ ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަޅުގަނޑާ ބައްދަލު ކުރެއްވުމުގެ ކުރީން އަޅުގަނޑާ ބެހޭ ބައެއް މައުލޫމާތު ހޯއްދެވިއެވެ. ހޯއްދެވީ އަޅުގަނޑުގެ އެކުވެރި ޙުސައިން ރަޝީދު އަޙްމަދުގެ އަރިހުން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވިދާޅުވުމަށް އަޅުގަނޑު އެ ނޫހަށް ލިޔުނީމެވެ. އަޅުގަނޑުގެ ލިޔުން ހުކުރު ދުވަހު ޓީވީ މޯލްޑިވްސް އިން ފޮނުވާ ހޭޔަންބޯ ގެ ނަސޭހަތުގެ ބަސްކޮޅަށްވެސް ފޮނުއްވިއެވެ. އެއީ އަޅުގަނޑު ތާއަބަދު ޝުކުރުވެރިވާނޭ ހެއު ކަމެކެވެ.

އޭގެ ފަހުން އަޅުގަނޑަށް ޑޮކްޓަރު މަޖީދުގެ ފައިންޕުޅު ފެނުނީ އަޅުގަނޑު ބައިވެރިވާ އަދަބީ ޖަމްއިއްޔާއެއް ކަމުގައިވާ "ލިޔުންތެރިންގެ ގުޅުން" ގެ ފަރާތުން ބޭއްވި ޚާއްސަ ބައްދަލުވުމަކުންނެވެ. އެ ބައްދަލުވުން އޮތީ ކުޑަ ފަރީއްކޮޅަކާވެސް އެކީގައެވެ. ދައުވަތު އެރުވީ ލިޔުންތެރިންގެ ގުޅުމުގެ މެންބަރުންނަށެވެ. ޑޮކްޓަރު މަޖީދަކީވެސް ޖަމްއިއްޔާގެ މެންބަރެކެވެ. މެންބަރަކަށް ވެ ވަޑައިގަތީވެސް ޖަމްއިއްޔާގެ ފަރާތުން ބޭއްވި އިންތިޚާބީ ބައްދަލުވުމަކަށް އަމިއްލަފުޅަށް ވަޑައިގެން ފޯމު ފުރުއްވައިގެންނެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަފުޅުވެސް ދެއްކެވިއެވެ.

އެ ރޭގެ ބައްދަލުވުމުގައި މެންބަރުން ޚިޔާލު ފާޅު ކުރެއްވުމަށް އޮތް ފުރުސަތުގައި އެމަނިކުފާނު ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އަޅުގަނޑުމެންނަށް ހިތްވަރު ދެއްވައި ތައުރީފު ކުރެއްވިއެވެ. އަދި އެމަނިކުފާނަށް ވެވަޑައިގަތް އެންމެ ބޮޑަކަށް އެހީތެރިވެވަޑައިގެން ދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ދޭތެރެ ދޭތެރެއިން އަޅުގަނޑަށް ފައިންޕުޅު ފެނެއެވެ. ކޮންމެ ފަހަރަކުވެސް މަސައްކަތާ ބެހޭ ގޮތުން އޮޅުންފިލުއްވައި ވާހަކަފުޅު ދައްކަވައެވެ.

މަތީގައި އަޅުގަނޑު އަޅައިފައިވާ ސުރުޚީގެ ވާހަކަ އަންނަ ހިސާބަކީ މިއީއެވެ. އަޅުގަނޑު ދަންނަވައިފައި އެ އޮތީ ޑޮކްޓަރު ޢަބްދުލްމަޖީދަކީ ފުރިހަމަ ބައިވެރިއަކު ކަމުގައެވެ. އެއީ އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމެއް ކަމުގައި ވާތީ އެ ސުރުޚީ އެޅީއެވެ.

އެމަނިކުފާނަކީ ކަންކަމުގައި ބައިވެރިވެ ވަޑައިގެން އެހީތެރިވެ ވަޑައިގަންނަވާން ބޭނުންފުޅުވާ ބޭފުޅެކެވެ. ބަޔަކަށް ފައިދާއެއް ކޮށްފާނޭ ކަމެއް ކަމުގައި ވަނީނަމަ އެކަމެއްގައި އުޅުއްވާ ހިތްޕުޅުވާ ބޭފުޅެކެވެ. އަޑުފުޅު މަޑު، މަޑުމައިތިރި ބޭފުޅެކެވެ. ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް، ހިތްޕުޅު ހެއު ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓަރަކަށް އުޅުއްވި ދުވަސްވަރުގެ ވާހަކަ އެ ދުވަސްވަރު އެ މިނިސްޓްރީގައި ޕާމަނަންޓް ސެކްރެޓަރީއަކަށް އުޅުއްވި މުޙައްމަދު ދީދީ (ޑީޑީ) ވިދާޅުވެ ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރ ޢަބްދުލްމަޖީދުގެ މިނިސްޓަރު ކަމުގައި އެމަނިކުފާނާ ހަމައިގައި ޕާޓީއެއް ނެތެވެ. މާނައަކީ ވަކި ޕާޓީއަކަށް ނިސްބަތްވާތީ ތަފާތެއް ނުކުރައްވައެވެ. ކޮންމެ މީހަކާވެސް މުޢާމަލާތް ކުރައްވަނީ އެއް ހަމައެއްގައެވެ. ޚިދުމަތަށް އެދިގެން މީހަކު އަޔަސް އެ މީހަކީ ކޮން ޕާޓީއެއްގެ ކާކުތޯ ބައްލަވައެއް ނުހައްދަވައެވެ.

އަޅުގަނޑަށް ސީދާ އެމަނިކުފާނުގެ ފައިންޕުޅު ފެނިގެން ކުރަން ޖެހޭ މުޢާމަލާތްތައް ކުރެވިފައި ވަނީ ވަރަށް މަދުން ކަމަށް ވާތީ ލިޔާނޭ މާ ގިނަ ވާހަކަތަކެއް ނެތް ކަމުގައި ވިޔަސް އަޅުގަނޑަށް ފެނި ދަސްވީ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ސީދާ ސާދާ ނަމޫނާއެކެވެ.

ޑޮކްޓަރު ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ 22 މޭ 2018 ވީ އަންގާރަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައެވެ. އުފަންވެވަޑައިގަތީ 27 އޭޕްރީލް 1963 ގައެވެ. އުފަން ރަށަކީ އައްޑު އަތޮޅު ހުޅުދޫއެވެ. ޕީއެޗްޑީ ހާސިލު ކުރެއްވީ ޤުރްއާން ތަފްސީރުގެ ދާއިރާއިންނެވެ. އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އަވަހާރަވީ އިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ސީނިއަރ ލެކްޗަރަރެއްގެ މަގާމުގައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.