ޑރ މަޖީދު ފަސްދާނުލައިފި

ސްރީލަންކާގައި އަވަހާރަވި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީގެ ޖަނާޒާ ސްރީލަންކާގައި ބާއްވައިފިއެވެ.

މިއަދު މެންދުރު ނަމާދަށް ފަހު ޑރ މަޖީދުގެ މައްޗަށް ކަށުނަމާދުކޮށް، ފަސްދާނުލާފައި މަޖީދުގެ ބައްޕާފުޅުވެސް ސްރީލަންކާގައި އަވަހާރަ ވުމުން ފަސްދާނުލެވިފައިވާ ގަބުރުތުސްތާނު ކަމުގައިވާ ޖާވައްތަ ޖުމްއާ ގަބުރުސްތާނުގައެވެ. ޑރ މަޖީދުގެ ޖަނާޒާގައި ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭ ވަރަށްގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ. މީގެއިތުރުން ޑރ މަޖީދުގެ ޖަނާޒާއަށް ރާއްޖެއިންވެސް ބަޔެއް އިއްޒަތްތެރިން ވަޑައިގެންފައިވެއެވެ.

ޑރ މަޖީދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ބަޔެއް ބޭފުޅުންގެ ތެރޭގައި މަޖީދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގައި ހުންނެވި ޑރ މުޙަންމަދު ޝަހީމް އަލީ ސައީދާއި ކޮލަމްބޯގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދުވެސް ހިމެނެއެވެ. މީގެއިތުރުން މަޖީދުގެ އާއިލާ ބޭފުޅުންވެސް ވަނީ ލަންކާއަށް ވަޑައިގެން ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.

ޑރ މަޖީދު އަވަހާރަވީ ސްރީލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތުމާއެކު ލަންކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 55 އަހަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.