ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަ ވެއްޖެ

ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ: ފޮޓޯ ވީނިއުސް

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަ ވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުއެވެ. އެމަނިކުފާނަށް އައިސީޔޫގައި ފަރުވާ ދެމުންގެންދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އަވަހާރަވީ އުމުރުން 55 އަހަރުގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އަންބަކާއި، 5 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. މި އެންމެހާ ބޭފުޅުންވެސް މިވަގުތު ތިއްބެވީ ސްރީލަންކާގައެވެ.

ޑރ. މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރާގެ މަގާމުގައެވެ. އޭގެ އިތުރަށް އަމަނިކުފާނަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވެސް މެއެވެ.

އެމަނިކުފާނަށް ސްޓްރޯކު ޖެހިވަޑައިގެންނެވީ ލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށްނެވެ.

އެމަނިކުފާނު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޑރ. މަޖީދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މަޖީދުގެ ޖަނާޒާ އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.