ރޯދައިގެ ފިލާވަޅު 5: ރޯދައަކީ އައްޑަނައެއް

عَنْ أَبِي هُرَيْرَةَ رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ "‏ الصِّيَامُ جُنَّةٌ ‏"‏ (صحيح مسلم، كتاب الصيام، باب فضل الصيام)

އަބޫހުރައިރާ رضى الله عنه ގެ އަރިހުން މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. "ރޯދައަކީ އައްޑަނައެކެވެ." (ޞަޙީޙު މުސްލިމް/ ޙަދީޘު: 1151)

ރޯދައިގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ މި ކުރު ޙަދީޘަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޙަދީޘެކެވެ. ބައެއް އެހެން ޙަދީޘު ފޮތްތަކުގައި ދިގު ޙަދީޘެއްގެ ބައެއްގެ ގޮތުގައި އައިސްފައި ވިޔަސް ޞަޙީޙު މުސްލިމްގެ ރިޔާވަތުގައި މިބަސްފުޅު އައިސްފައިވަނީ ވަކި ޙަދީޘެއްގެ ގޮތުގައެވެ.

އާއްމު މާނައަށް ބަލާއިރު އައްޑަނައަކީ ހަނގުރާމައިގައި ދުޝްމަނުންގެ ކަނޑިއާއި ލޮންސިއާއި ތީރު ފަދަ ހަތިޔާރުތަކުގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރެވޭ ހުރަހެކެވެ. މިޙަދީޘުފުޅުގައި ރޯދަ އައްޑަނައަކަށް ވަނީ ކޮންކަމަކުން ރައްކާތެރިވުމަށްޓަކައިތޯ ބަލާއިރު، ރޯދައަކީ ޝަހުވާނީ އެދުމުގެ ފަހަތުން މީހާ ދިއުމުން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. މިކަން އެހެން ޙަދީޘަކުން އެނގެއެވެ. އެ ޙަދީޘުގައި ރަސޫލުﷲ صلى الله عليه وسلم ވަނީ ކައިވެނި ކުރުމަށް ކުޅަދާނަވެގެންނުވާ ޒުވާނުންނަށް ރޯދަ ހިފުމަށް އަންގަވައި އެއީ ރައްކާތެރިކަމެއް ކަމުގައި ޙަދީޘުކުރައްވާފައެވެ.

ރޯދައަކީ ހުތުރު ވާހަކަތަކާއި ހުތުރު ޢަމަލުތަކުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއްވެސް މެއެވެ. ފަހެ، ރޯދައަށް ހުންނަ މީހާއާއި އެހެންމީހަކު ޒުވާބުކޮށް އަރައިރުން ވެއްޖެ ނަމަ އެކަމަށް ރައްދު ނުދީ ތިމަން މިހިރީ ރޯދައަށޭ ބުނުމަށް ރަސޫލުﷲ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ.

ހަމައެހެންމެ، ރޯދައަކީ މުއުމިނާގެ ކިއްލާއެއް ކަމުގައި ރަސޫލުﷲ އަންގަވާފައި ވެއެވެ. އެހެނީ ރޯދައަކީ ދުނިޔެއާއި އާޚިރަތުގައި މުއުމިނާއަށް ނުރައްކާވެދާނޭ ކޮންމެ ކަމަކުން އޭނާ ރައްކާތެރިކޮށްދޭ ކިއްލާއެކެވެ.

ދުނިޔޭގައި ރޯދަ، އޭގެ އަހުލުވެރިޔާއަށް އައްޑަނައަކަށް ވާ ފަދައިން، އާޚިރަތުގައިވެސް ރޯދައަކީ އައްޑަނައެކެވެ.  ރަސޫލުﷲ صلى الله عليه وسلم ގެ އެހެން ޙަދީޘެއްގައި އައިސްފައިވާ ގޮތުގައި ދުނިޔެމަތީގައި އައްޑަނަ ހަނގުރާމައިގެ މައިދާނުގައި ރައްކަލަކަށް ވާ ފަދައިން ގިޔާމަތް ދުވަހު ރޯދަ ވާނީ ރޯދަވެރިޔާ ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނައަކަށެވެ.

މިޙަދީޘުން ފިލާވަޅު ލިބިގަންނައިރު ވިސްނާލަން ޖެހެނީ، އައްޑަނައެއް އަތުގައި އޮތަސް، އެ ރަނގަޅަށް ބޭނުން ނުކުރާނަމަ އެއިން ހިމާޔަތް ނުލިބޭ ފަދައިން، ރޯދަވެސް ހިފަންވާ ގޮތަށް ހިފައިގެން، ރޯދަވެރިޔާގެ އަމަލުތައް ބަހައްޓަން އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓައިގެން މެނުވީ ރޯދަ އައްޑަނައަކަށް ނުވާނެ ކަމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.