ޕްރައިމަރީގައި ނަޝީދާ ވާދަކުރަން އެހެން މީހަކު ނުނިކުތުމުން އެދެއްކުނީ ޑިމޮކްރަސީތޯ- ނިހާން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުތުމުގެ ކުރިން އެމްޑީޕީގެ އެތެރޭގައި ބާއްވާ ރިޔާސީ ޓިކެޓުގެ ޕްރައިމަރީގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދާ ވާދަކުރެއްވުމަށް އެޕާޓީން އެހެން ބޭފުޅަކު ނުނިކުތުމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ފާޑު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު އެކަނި ބައިވެރިވެފައިވާއިރު ވާދަވެރިޔަކު ކުރިމަތި ނުލެއްވުމުން އެމްޑީޕީން އެ ދައްކައިދިނީ ޑިމޮކްރަސީގެ އެންމެ ރީތި ނަމޫނާތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީގައި ނަޝީދު ފިޔަވައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްލައްވާނެ ފެންވަރުގެ އެހެން ބޭފުޅަކުވެސް ނެތީތޯ ނިހާން ސުވާލު ކުރެއްވިއެވެ.

ޕްރައިމަރީގައި ނަޝީދު އެކަނި ވާދަކުރައްވާއިރު ނިހާން ވިދާޅުވީ އެންމެ ފަހުން އޮތް އިންތިޚާބުގައިވެސް އެމްޑީޕީ ފެއިލްވީ ނަޝީދާއެކު ކަމަށެވެ. ނިހާންގެ އިތުރުންވެސް ސަރުކާރަށް ތާއީދު ކުރައްވާ ބަޔެއް އެހެން ފަރާތްތަކުންވެސް ވަނީ ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އޮތުމުން މިހާރު އޮތްގޮތުން އަދި އެމަނިކުފާނަށް ރައީސް ކަމަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ. ނަމަވެސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެންމެ ފަހުއޮން އޮތް ދެ ރިޔާސީ އިންތިޚާބު ފަދައިން މި އިންތިޚާބުގައިވެސް އެންމެ ފަހު ވަގުތު ވާދަ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވާއިރު ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވަނީ އިންތިޚާބުގައި ނަޝީދުގެ ނަން ނޯންނާނެ ކަމަށާއި އެކަމަށް ޤާނޫނުގެ ތެރެއިން އެއްވެސް ފުރުޞަތެއް ނެތް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.