އީރާނުން އަނެއްކާވެސް ޔުރޭނިއަމް ފައްކާކުރަން ފެށުމަކީ އެކަށީގެންވާ ކަމެއް

އީރާނުގެ ނިއުކުލިޔާ މަރުކަޒެއް

ޔޫރަޕްގެ އިއްތިހާދަށް އީރާނުގެ ނިއުކުލިޔާ އެއްބަސްވުން ސަލާމަތްނުކުރެވިއްޖެނަމަ، އީރާނުން އަނެއްކާވެސް ޔުރޭނިއަމް ފައްކާކުރަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އީރާނުގެ އެޓޮމިކް އެނާޖީ އެޖެންސީގެ ރައީސު ޢަލީ އަކްބަރު ޞާލިޙީ ވިދާޅުވެއްޖެއެވެ. އަނެއްކޮޅުން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކޮމިޝަނާ ފޯ އެނާޖީ އެންޑް ކްލައިމެޓް މިގޭލް އާރިޔާސް ކަނޭޓޭ ވިދާޅުވީ އީރާނުން އެ އެއްބަސްވުން ދަމަހައްޓާހާ ހިނދެއްގައި އީޔޫން އެއްބަސްވުން ދޫނުކުރާނެ ކަމުގައެވެ.

ޞާލިޙީއާއެކު ތެހެރާނުގައި ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަނޭޓޭ ވިދާޅުވީ އީރާނުގައި މަސައްކަތްކުރާ ޔޫރަޕްގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލަން ޔޫރަޕްގެ އިސްވެރިން އެއްބަސްވެ ވަޑައިގެންފައިވާ ކަމުގައެވެ.

އީރާނުގެ ނިއުކުލިޔާ އެެއްބަސްވުމުން އެމެރިކާ ވަކިވާކަން މި މޭމަހުގެ 8 ވަނަ ދުވަހު ރައީސު ޓްރަމްޕް އިއުލާނުކުރެއްވީއްސުރެ ޔޫރަޕްގެ ގައުމުތަކުން ބުނަމުން ގެންދަނީ އީރާނުގެ ތެލާއި އިންވެސްޓްމަންޓްތައް ބޭރުކުުރުން ނުހުއްޓި ކުރިއަށް ދާގޮތް އެގައުމުތަކުން ހަދާނެ ކަމުގައެެވެ. އެހެނަސް، އެއީ ފަސޭހަ ކަމެއް ނޫންކަމަށް ވެސް އެ ގައުމުތަކުން އެއްބަސްވެއެވެ.

އީރާނު ނިއުކުލިޔާ ހަތިޔާރު އުފެއްދުުން ހުއްޓުވަން އޮތް އެންމެ ރަނގަޅު ގޮތަކީ އެ އެެއްބަސްވުން ކަމުގައި ބުނެ އިނގިރޭސިވިލާތާ، ފްރާންސާ، ޖަރުމަނުން ވަނީ އެެ އެއްބަސްވުމާއެކު ކުރިއަށް ދާން ނިންމައިފައެވެ. އެހެންނަމަަވެސް، އިރާނުގެ ކިބައިން އެގައުމުތައް އެދޭ ކަންތައްތަކެއްވެސް ވެއެވެ. އެއީ ސަރަހައްދުގައި އީރާނުގެ ނުފޫޒު ކުޑަކުރުމާއި، އީރާނުން ކުރިއަށް ގެންދާ މިސައިލް ޕްރޮގްރާމް ހުއްޓާލުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙީ ވިދާޅުވިގޮގުތައި އީޔޫގެ ގައުމުތަކަށް އެ އެއްބަސްވުން ސަލާމަތް ނުކުރެވިއްޖެނަމަ، އިރާނަށް ތަފާތު ގޮތްގޮތް އިޚްތިޔާރު ކުރެވެން އެބައޮތެވެ. އޭގެ ތެރޭގައި %20 އަށް ޔުރޭނިއަމް ފައްކާކުރުުމުގެ މަސައްކަތް އަލުން ފެށުން ހިމެނެއެވެ. އޭނާ އިތުރަށް ވިދާޅުވީ އީޔޫން އެެއްބަސްވެފައިވާ ކަންތައް ކުރުމަށް އެ ގައުމުތަކުގެ ކުރިމަތީގައި މަދު ހަފުތާތަކެއް މެނުވީ ނެތް ކަމުގައެވެ.

އީރާނާ އެކު ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން 2015 ވަނަ އަހަރު އެެކުލަވާލި ނިއުކުލިޔާ އެއްބަސްވުމުގެ ދަށުން އީރާނަށް ޔުރޭނިއަމް ފައްކާކުރެވޭނީ %3.5 އާ ހަމައަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.