ކިއުބާގެ މަތިންދާބޯޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މަތިންދާބޯޓު ވެއްޓުނު ސަރަހައްދު

ކިއުބާގެ ވެރިރަށް ހަވާނާގެ ހޯޒޭ މާރްޓީ އެއާޕޯޓުން ފުރިތާ ގިނަ އިރުތަކެއް ނުވެ 110 މީހުންނާއެކު ދަތުރުކުރި ކިއުބާގެ މަތިންދާބޯޓެއް ވެއްޓިފައިވާ ކަމަށް އެގައުމުގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުދީފިއެވެ.

ޚަބަރު ލިބޭ ގޮތުގައި އިރުމަތީ ރަށް ހޮލްގީނަށް ފުރި ކިއުބާގެ ގައުމީ އެއާލައިން ކިއުބާނާގެ ބޮއިންގ 737 މަރުކާގެ މަތިންދާބޯޓު ވެއްޓި ރޯވެފައިވާ އިރު، 3 އަންހެނަކު ދިރިތިއްބާ ސަލާމަތްކުރެވިފައިވެއެވެ. އެތިންމީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު ތިން މީހުންގެ ވެސް ހާލު ދެރަކަމަށް ވެއެވެ.

"ނަސީބުދެރަ ވައިގެ ހާދިސާއެއް ހިނގާފައި ވަނީ. ޚަބަރުތައް ލިބެނީ އުއްމީދީ ގޮތަކަށް ނޫން. ގިނަ އަދަދެއްގެ ބަޔަކު ހާދިސާގެ ޝިކާރައަށް ވެފައިވާ ކަމަށް ލަފާކުރެވެނީ." ކިއުބާގެ ރައީސު މިގޭލް ޑިއާޒް-ކާނެލް ވިދާޅުވިކަމަށް އޭއެފްޕީން ޚަބަރު ދީފައި ވެއެވެ.

ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރީ 104 ފަސިންޖަރުންނާއި 6 ފަޅުވެރިންނެވެ.

ކިއުބާގެ އެއަރ ޓްރާންސްޕޯޓް ޑިރެކްޓަރު ވިދާޅުވި ގޮތުގައި ވެއްޓުނު ބޮއިންގ 200-737 އަކީ މެކްސިކޯގެ ކުޑަ އެއަރލައިނެއް ކަމުގައިވާ ގްލޯބަލް އެއަރޮލިނިއަސް ޑަމޯހް އިން ކިއުބާނާ ޑި އެވިއާސިއޯންއަށް ކުއްޔަށް ހިފާފައި އޮތް ބޯޓެކެވެ. މެކްސިކޯގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބޯޓުގެ ފަޅުވެރިންގެ ތެރެއިން 5 މީހުންނަކީ މެކްސިކޯގެ ރައްޔިތުން ކަމުގައެވެ. އޭގެ ތެރޭގައި ޕައިލެޓާއި ކޯޕައިލެޓް ވެސް ހިމެނެވެ. އަދި އެ މިނިސްޓްރީން ބުނީ 1979 ވަނަ އަހަރު އުފައްދާފައިވާ އެ ބޯޓު ކުއްޔަށް ދީފައި ވަނީ އެ މިނިސްޓްރީން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ހޯދުމަށް ފަހުގައި ކަމަށެވެ. އަދި ފާއިތުވި ނޮވެމްބަރު މަހު ބޯޓު އިންސްޕެކްޓްކޮށްފައިވާ ކަމުގައެވެ.  

މަތިންދާބޯޓު ވެއްޓުމާއެކު ބައިބައިވެ ރޯވުމުގެ ސަބަބުން ބޯޓުވަނީ މުޅިން ހަލާކުވެފައެވެ.  

ކިއުބާގައި މަތިންދާބޯޓެއް ވެއްޓުމުގެ ބޮޑު ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ އަހަރު އެއަރޯ ކެރީބިއަންގެ މަތިންދާބޯޓެއް ކިއުބާގެ މެދު ތެރެއަށް ވެއްޓި 68 މީހުން މަރުވެފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.