ރޯދައިގެ ފިލާވަޅު 3: ރޯދަ މާތް ﷲއަށް ޚާއްޞަވެގެންވުން

عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قال: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ . . . الحديث" (صحيح البخاري: 1761، صحيح مسلم: 1946)

އަބޫހުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ރޯދަ ވަނީ ތިމަންރަސްކަލާނގެ އެވެ. އަދި އެރޯދައަށް އޭނާއަށް ޖަޒާދެއްވާނީ ތިމަންރަސްކަލާނގެއެވެ.

މިއީ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރިދުވެފައިވާ ޤުދްސިއްޔަ ޙަދީޘުތަކުގެ ތެރެއިން ޙަދީޘެއްގެ ބައެކެވެ. ޤުދްސިއްޔަ ޙަދީޘަކީ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއް އެ ވަޙީކުރެއްވި ގޮތަށް ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެނެސްދެއްވުމެވެ.

މި ޤުދްސިއްޔަ ޙަދީޘުން ވަަރަށް ޚާއްޞަކަމެއް ފާހަގަކުރެވެއެވެ. އެއީ މާތް ﷲ ރޯދަ އެކަލާނގެ ޒާތުފުޅަށް ނިސްބަތްކުރައްވައި އެ ޢަމަލަށް ޖަޒާދެއްވާނީ އެކަލާނގެކަން އެންގެވުމެވެ. ހުރިހާ އަޅުކަމަކީ ވެސް މާތް ﷲއަށް ޓަކައި ކުރެވޭ ޢަމަލަށް ވާއިރު ރޯދަ އެކަލާނގެ ޙަޟްރަތަށް ނިސްބަތް ކުރައްވައި، އެކަލާނގެ އެއަށް ޖަޒާދެއްވާނެކަން އަންގަވާފައިވަނީ ކީއްވެބާވައެވެ؟ މިކަމާ ގުޅޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ޚުލާޞާއެއް ގެނެސްދެވޭތޯ ބަލާނަމެވެ.

ރޯދައަކީ ދެއްކުންތެރިކަން އެއާއެކު ނުވާނެ އަޅުކަމެކެވެ. ވީމާ، ރޯދައަށް މީހަކު ހުރިކަން ދެނެވޮޑިގަންނަވާނީ ހަމައެކަނި މާތް ﷲ އެވެ. އެހެންކަމުން، އެކަލާނގެ ޒާތުފުޅަށް އެއަޅުކަން ނިސްބަތްކުރެއްވީއެވެ.

ރޯދައަށް ދެއްވާ ޖަޒާ ދެނެވޮޑިގެންވަނީ އެކަލާނގެކަން މާތް ﷲ އަންގަވާފައިވަނީ، އެހެން އަޅުކަންތަކަށް ޖަޒާދެއްވާ މިންވަރާއި އެ ޖަޒާ އިތުރުވެގެންދާ ގުނަތައް މާތް ﷲ އަންގަވާއިވާއިރު، ރޯދައަށް އެކަލާނގެ ވަކި މިންވަރެއް ނެތިކަން ޖަޒާދެއްވާތީއެވެ. އެކަން ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އެހެން ޙަދީޘުފުޅަކުން އެނގެއެވެ.

މި ޙަދީޘުފުޅުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ ހުރިހާ އަޅުކަމެއްގެ ތެރެއިން ރޯދައިގެ ދަރަޖަ މަތިވެރިކުރައްވާފައިވާ ކަމުގެ ފިލާވަޅެވެ. ފަހެ، މާތް ﷲ ރޯދަ އެކަލާނގެ ޙަޟްރަތަށް ނިސްބަތްކުރެއްވުން އެއީ ރޯދައަށް ލިބިގެންދާ މަތިވެރި ޝަރަފެކެވެ. މި ޝަަރަފުވެރި އަޅުކަން ރަނގަޅުގޮތުގައި އަދާކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށި. އާމީން

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.