ނަޖީބު ރައްޒާޤާ ގުޅުންހުރި ތަންތަނުން ގިނަ އަދަދެއްގެ ގަހަނާއާއި އަގުބޮޑު އަތްދަބަސްތަކެއް ނަގައިފި

ނަޖީބު ރައްޒާޤުގެ އެޕާާޓްމަންޓަކުން ފުލުހުން ހޯދި އަގުބޮޑު އަތްދަބަސް އަޅާފައި ހުރި ފޮށިތަކެއް

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަައްޒާޤުގެ ތިން އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ގަހަނާއާއި، އަގުބޮޑު އަތްދަބަހާއި، ނަގުދު ފައިސާ މެލޭޝިޔާ ފުލުހުން ހޯދައިފިއެވެ.

ރޭ (17 މޭ ބުރާސްފަތިދުވަހުގެ ރޭ) ގެ ވަގުތެއްގައި ފުލުހުން އެ ތިން އެޕާޓްމަންޓުން ނެރުުނު ތަކެތީގެ ތެރޭގައި ގަހަނާއާއި، އެކި އަދަދުގެ ނަގުދު ފައިސާ އަޅައި ފުރާފައި ހުރި 72 ދަބަހާއި، އަގުބޮޑު އަތްދަބަސް އެކުލެވޭ 284 ފޮށި ހިމެނެއެވެ.

ފުލުހުންގެ ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަމަރް ސިންގް ވިދާޅުވީ ނަޖީބު ރައްޒާޤަށް ނިސްބަތްވާ ހަ ތަނެއް ފާއިތުވި ބުދަ ދުވަހުން ފެށިގެން ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމުގައެވެ.

ފުލުހުންނަށް އެންމެ އަގުހުރި ތަކެތި ފެނިފައި ވަނީ ޕެވިލިއަން ރެސިޑެންސަސްގެ އެޕާޓްމަންޓަކުންނެވެ. އެތަނުން ހާމީސް ބާކިން ބްރޭންޑްގެ އަތްދަބަސްތައް އަޅާފައި ހުރި އޮރެންޖު ކުލައިގެ އެތައް ސަތޭކަ ފޮށްޓެއް ފުލުހުންގެ ފަސް ޓްރަކަށް އަރުވައިގެން ދިޔަތަަން ފެނިފައި ވެއެވެ. ފުލުހުން ފައިސާ ގުނާ މެޝިނެއް ގެންދިޔަ ތަން ފެނިފައިވާ ކަމަށްވެސް ރިޕޯޓަރަކު ބުނެފައި ވެއެވެ.

ނަޖީބު ރައްޒާޤުގެ އަނބިކަނބަލުން ރޯޒްމާ މަންސޫރަކީ އަގުބޮޑު ބާކިން އަތްދަބަަހަށް ބޮޑު ޝައުގުވެރިިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ބާކިން އަތް ދަބަހެއްގެ އަގު އުޅެނީ 12 ހާސް ޔޫއެސް ޑޮލަރާއި 3 ލައްކަ ޔޫއެސް ޑޮލަރާއި ދެމެދުގައެެވެ. ކިނބޫ ހަމުން ހަދާފައިވާ ބާކިން އަތްދަބަހެއް އެކަމަނާ 2015 ވަނަ އަހަރު 2 ލައްކަ ޑޮލަރަށް ބައްލަވައިގަތް މައްސަލަ އޭރު ވަރަށް ބޮޑު މައްސަލައަށް ވިއެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން 1އެމްޑީބީ (1 މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު) ފަންޑުގެ ފައިސާއިން 700 މިލިއަން ޔޫއެސް ޑޮަލަރު ނަޖީބު ރައްޒާޤުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވާ ކަން 2015 ވަނަ އަހަރު ހާމަވީ ހިސާބުން ނަޖީބުގެ މައްޗަަށް ޚިޔާނާތާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. އެހެންނަމަވެސް، އޭނާ ގެންދަވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެ އެކަމަށް އިންކާރުކުރައްވަމުންނެވެ.

"އަހަރުމެންނަށް މަޑުމަޑުން މިކަމުގެ އަޑިޔަށް އެބަދެވޭ. އަހަރުމެންގެ ވަރަށް ގިނަ އިސް އޮފިސަރުން ދަނީ، ލިއުންތަކާއެކު އެކަމާ ބެހޭ މައުލޫމާތު އަމިއްލައަށް އިސްނަންގަވައިގެން ދެއްވަމުން. އަހަރެންނަށް ހީވާ  ގޮތުގައި ވަރަށް އަވަހަށް އަހަރުމެންނަށް އޭނާ (ނަޖީބު ރައްޒާޤާ) ދެކޮޅަށް ދައުވާކުރެވޭ ވަރު ވާނެ." އެމްޑީބީ ފަންޑުގެ މައްސަަލައިގައި ވާހަކަފުޅު ދައްކަވަމުން ފާއިތުވި އަންގާރަ ދުވަހު މަހާތީރު މުޙައްމަދު ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.