ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ޙުދައިދާ ޕްރޮވިންސްގެ ހުޅަނގު ފަރާތުނގައި ޙޫޘީންނާ ސަރުކާރަށް ތާއީދުކުރާ ސިފައިންނާ ދެމެދު ހަނގުރާމަ ގަދަވުމުގެ ސަބަބުން އެތައްހާސް ބަޔަކު އެ ސަރަހައްދު ދޫކޮށް ހިޖުރަކުރަމުންދާ ކަމުގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ. އަދި މީހުން ދިރި އުޅޭ ސަރަހައްދުތަކުގައި ހަނގުރާމަ ފެށިއްޖެ ނަމަ ހާލަތު މާ ގޯސްވާނެ ކަމަށް އެޖަމާއަތުން އިންޒާރު ދެއެވެ.
ޙުދައިދާ އަކީ ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ސަރަހައްދެކެވެ. ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން އައީ އެ ސަރަހައްދު ހިފުމަށް ހަމަލާދޭން ކުރިއްސުރެ ރާވަމުންނެވެ.
ސަޢޫދީން އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުގެ އެހީގައި ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން ދަނީ ޙުދައިދާއާ ދިމާއަށް ކުރިއަށް ޖެހެމުންނެވެ. ޙުދައިދާއަކީ ފާއިތުވި ދެއަހަރުވެސް ޔަމަނު ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އަމާޒެކެވެ. އެމީހުންގެ ފަރާތުން ވާހަކަދެއްކި މީހަކު ރޮއިޓާސް އަށް ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދޭން އެމީހުން ވިސްނާފައި ނުވާ ކަމުގައެވެ.
އެހެންނަމަވެސް އދ. ގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ޔަމަނުގައި ލައްކައެއްހާ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޙުދައިދާ ދޫކޮށް ދިޔަ މީހުންނެވެ.
ޙުދައިދާގެ ބަނދަރަކީ ކަނޑުމަގުން ޔަމަނަށް މުދާ އެތެރެކޮށް ބޭރުކުރާ މައި ދޮރޯށްޓެވެ. ޔަމަނަށް ބޭނުންވާ އިންސާނީ އެހީގެ ބޮޑުބައެއް އެތެރެކުރަނީވެސް ޙުދައިދާގެ ބަނދަރު މެދުވެރިކޮށެވެ. ސައޫދީ ކޯލިޝަނުން ތުހުމަތު ކުރާގޮތުގައި ޙޫޘީން ދަނީ ޙުދައިދާ ބަނދަރު މެދުވެރިކޮށް އީރާނުގެ ހަތިޔާރު ޔަމަނަށް އެތެރެކުރަމުންނެވެ. އެތަން ހިފަން ކޯލިޝަނުން މަސައްކަތްކުރަނީ އެހެންވެގެންނެވެ.