އާދީއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

ރަމަޞާން މުސްލިމުން ދައްކަންޖެހޭ ފިތުރު ޒަކާތް ރާއްޖޭގައި ބަލައިގަތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް ގެންދަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަ ފެށުމަށް ފަހު ރަމަޞާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ކަމަށެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނަނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. މާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީ ހުންނަ އިސްލާމީ މަރުކަޒުންނެވެ. މާލެ ސިޓީގެ ހުޅުމާލޭގައި ޒަކާތް ބަލައިގަތުން ހަމަޖެހިފައި އޮންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގައި ކަމަށާއި ވިލިމާލޭގައި އެކަން އޮންނާނީ ވިލިމާލޭގައި ހުންނަ ހައުންސިން މިނިސްޓްރީގެ ޔުނިޓުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނާނެ ގަޑިތަކެއް ކަމަށް މިނިސްޓްރީން ނިންމާފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރު ފަހު 13:00 އަށެވެ. ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިތުރުން މިފަހަރުވެސް ދިރާގު ކަސްޓަމަރުންނާއި އުރީދޫގެ ކަސްޓަމަރުން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުޞަތު ވަނީ މިނިސްޓްރީން ހުޅުވާލާފައެވެ. މީގެއިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތު ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން މިއަހަރު ފިތުރު ޒަކާތުގެ މިންވަރެއް ކަމަށް ކަނޑައަޅާފައި ވަނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 13 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 43 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 81 ރުފިޔާއެވެ. ފިތުރު ޒަކާތް ދައްކަން ޖެހޭނީ އެމީހަކު އެ އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލަކަށްވާ މިންވަރުންނެވެ. ފިތުރު ޒަކާތަކީ ރަމަޞާން މަސް ނިމި އަންނަ ފިތުރު އީދުގެ ކުރިން ނިކަމެތިންގެ މައްޗަށް ދޭންޖެހޭ އެއްޗެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.