ރޯދައިގެ ފިލާވަޅު 1: ރަމަޟާންމަހުގެ އިސްތިޤްބާލު

عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم: "هَذَا رَمَضَانُ قَدْ جَاءَ تُفْتَحُ فِيهِ أَبْوَابُ الْجَنَّةِ وَتُغْلَقُ فِيهِ أَبْوَابُ النَّارِ وَتُسَلْسَلُ فِيهِ الشَّيَاطِينُ" (مسند الإمام أحمد)
އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި އަނަސް ބިން މާލިކު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުުކުރެއްވިއެެވެ. "ރަމަޟާން މަސް މިވަނީ އައިސްފައެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވައިލެވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެއެވެ. އަދި ޝައިޠާނުން ހިލިހިލާ ޖެހެއެވެ."
މާތް ފަރުޞުކުރެއްވި ރޯދަ ހިފުމަށް އެކަލާނގެ ކަނޑައެޅުއްވި މައްސަރަކީ ރަމަޟާން މަހެވެ. އެހެންކަމުން އެކަލާނގެ ވަނީ އެމައްސަރު އަަހަރުގެ އެެހެން މައްސަރުތަކަަށްވުރެ މާތްކުރައްވައި، އެމަހަށް ޚާއްސަގޮތެއްގައި އިސްތިޤްބާލުކުރައްވައި، އެމަހަށްޓައި ޚާއްޞަ ކަންތައްތަކެއް ކުރައްވާފައެވެ. މި ޙަދީޘުފުޅުން އެފަދަ ތިން ކަމެއް ފާހަގަކުރެއެެވެ. ފުރަތަމަ ކަމަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެއްވުމެވެ. ދެވަނަ ކަމަކީ ނަރަކައިގެ ދޮރުތައް ބަންދުކުރެެއްވުމެވެ. އަދި ތިންވަނަ ކަމަކީ ޝައިޠާނު ކަސްތޮޅު އެޅުއްވުމެވެ.
މި މަތިވެރި ޙަދީޘުފުޅުން ލިބޭ ފިލާވަޅަކީ ބަރަކާތްތެރި ރަމަޟާން މަހުގައި މުސްލިމުންނަށް ހެޔޮޢަމަލު ކުރުމަށް މަގުފަހިވާނޭ ހުރިހާ ކަމެއް ކޮށްދެއްވާފައިވާއިރު، އެކަލާނގެ އެދެއްވި މަތިވެރި ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުގެ މުހިއްމު ކަމެވެ. ފަހެ، އިންސާނާ ނުބައި ކަންތަކާ ދިމާއަށް ގެންދާ އެންމެ ބޮޑު ބާރަކީ ޝައިޠާނާއާއި އޭނާގެ އަޢުވާނުންނެވެެ. އެ ސޮރުމެން ކަސްތޮޅު އެޅިފައިވުމުން ނުބައިކަމަށް އެނބުރޭ މީހުން އެތައް ތަނެއް މަދުވާނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަރަކައިގެ ދޮރުކޮޅުތައް ރަމަޟާން މަހު ބަންދުކުރައްވަނީ އެހެންވެގެން ކަމުގައެވެ. ނުބައި ޢަމަލު ކޮށް ނަރަކަށް ދާ މީހުން އެ މައްސަަރުގައި މާ ބޮޑަށްވެސް މަދުވާތީއެވެ.
ހަމަ އެއާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާލައްވާފައި އެވަނީ ހެޔޮ ޢަމަލު ގިނަކޮށް ސުވަރުގެ ހޯދަން ބޭނުންވާ މީހުންނަށް ހިތްވަރު ދެއްވުމަށެވެ. އެޔޮކަން އެދޭ މީހުން އެކަމަށް އަވަސްވެގަތުމަށެވެ. ކުރިންކުރެވިފައިވާ ފާފަތަކުން ތައުބާވެ، ރަމަޟާން މަހުގެ ތެރޭގައި ހެެޔޮ ޢަމަލު ގިނަކޮށް ސުވަރުގެ ލިބުމުގެ ނަސީބު ހޯދުމަށެވެ.
މިފަދަ ޙަދީޘުފުޅުތަކުން ފިލަވަޅު ލިބިގަނެ މާތް ﷲ އެކަލާނގެ އަޅުންނަށްޓަކައި ހުޅުއްވާލައްވާފައި މި މަތިވެރި ފުރުޞަތުގެ ބޭނުން ހިފާ މީހުންގެ ތެރެއިން ތިބާ ލައްވާށިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.