ތާރީޚު އެމެރިކާއާއި އިސްރާއީލަށް މާފުނުކުރާނެ: އެރްދޮގާން

ރައީސު އެރްދޮގާން ލަންޑަނުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވާއިރު، އަރިހުގައި އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭ

ފަލަސްޠީނު މީހުންގެ ހައްގުގައި އިސްރާއީލާއި އެމެރިކާއިން ހިންގަމުން ގެންދާ ޖަޒީމާތަކަށްޓަކައި ތާރީޚު އެ ދެގައުމަށް މާފުނުކުރާނެ ކަމަށް ތުރުކީގެ ރައީސު ރަޖަވބް ތައްޔިބް އެރްދޮގާން ވިދާޅުވެއްޖެއެެވެ.

އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭ އާއެކު ނޫސްވެރިންނާ ބައްދަލުކުރައްވަަމުން އޭނާ ވިދާޅުވީ އިސްލާއީރުގައި ހުންނަ އެމެރިކާގެ އެންބަސީ ޤުދުސަށް ބަދަލުކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމުގައެވެ. އޭނާ ފަހާގަކުރެއްވި ގޮތުގައި 128 ގައުމަކުން ވަނީ އެމެރިކާގެ މިނިންމުން ގަބޫލުކުރަން ދެކޮޅުހަދާފައެވެ.

ހޯމަ ދުވަހު ޣައްޒާގައި އިސްރާއީލު ސިފައިން ގަތުލުއާއްމު ހިންގައި ފަލަސްޠީނުގެ 63 މީހުން މަރާލައި 2700 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލުމަށް އިޝާރާތްކުރައްވައި ރައީސު އެރްދޮގާން ވިދާޅުވީ، އެކަން އެގޮތަށް ކުރެވުނީ އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ފަލަސްޠީނު- އިސްރާއީލު ހަމަނުޖެހުމުގައި އެމެެރިކާއިން ދައްކާފައިވަނީ އެމީހުން އިސްލާއީލާއެކު ބައިވެރިންގެ ގޮތުގައި ތިބި ކަމުގައެވެ.

އެރްދޮގާން ވަނީ ލަންޑަނުގައި ހުންނަވައިގެން ޣައްޒާގައި މަރުވި ފަލަސްޠީނު މީހުންނަށްޓަަކައި ތުރުކީގައި ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކުރައްވާފައެވެ.

މިމައްސަލައިގައި ތުރުކީ ނުރުހިފައިވާ ވަރު ހާމަކުރުމުގެ ގޮތުން އެގައުމުން ވަނީ އެގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު ފޮނުވާލައި، އިސްރާއީލުގައި ހުންނެވި ތުރުކީގެ ސަފީރު އަނބުރާ ގެނެސްފައެވެ. އިސްރާއީލުގައި ހުންނަވާ ތުރުކީގެ ސަފީރުގެ އިތުރަށް އެމެރިކާގައި ހުންނަވާ ތުރުކީ ސަފީރު އަނބުރާ ގެންނަކަން އިއުލާންކުރައްވަމުން ތުރުކީ ސަރުކާރުގެ ތަރުޖަމާނު ބަކްރު ބޯޒްދާގް ވިދާޅުވީ "ޓެރަރިސްޓް އިސްރާއީލާއި، އެގައުމު ހިމާޔަތްކުރާ އެމެރިކާއާއި، އެ ދެގައުމަށް އެހީވާ މީހުން ޤުދުސުން ފޭބުމަށް އަހަރުމެން މަޖުބުރޫކުރާނަން" ކަމުގައެވެ.

އިސްލާމިކް ކޮންފަރެންސް އޯގަނައިޒޭޝަންގެ މިދައުރުގެ ރައީސުގެ ހައިސިއްޔަތުން ތުރުކީން ވަނީ އެމެރިކާ އެންބަސީ ޤުދުސަށް ބަަދަލުކުރި މައްސަަލައާއި، ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލުއާއްމުގެ މައްސަލައާ މެދު މަޝްވަރާކުރުމަށް އިސްލާމީ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހު އިސްތަންބޫލުގައި ބޭއްވުމަށް ނިންމާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.