ފައިވާން ހަދަން ދަސްކޮށްގެން ގޭގައި ހިމޭނުން އިންނަން ބޭނުމެއްނޫން: ދިހޫ

އައްޑޫ ސިޓީ މަރަދޫ، މަހިނޫރު، ދިހުޝާނާ (ދިހޫ) އަކީ މަސައްކަތްތެރި އަންހެނެކެވެ. އޭނާ ފައިވާން ހަދައެވެ. ތަފާތު ވައްތަރުގެ ހެދުން ފަހައެވެ. ގައުންއާއި ޑިގްރީ ހެޓް ފަހައެވެ. ނުވިތާކަށް އެންމެފަހުން މިހާރު އޭނާވަނީ ސެލޫން މެނޭޖުމަންޓްވެސް ދަސްކޮށްފައެވެ.

ފައިވާނަށް ޝައުގުވެރިވީ ކީއްވެ؟

ފައިވާނަށް ޝައުގުވެރިވި ސަބަބެއް ބުނެދޭން އޭނާއަކަށް ނޭނގެއެވެ. އޭރު އޭނާ އަބަދުވެސް ފިކުރު ކުރަނީ ފައިވާން ހަދާގޮތާ މެދުގައެވެ. ފައިވާން ހަދާ މީހުންގެ މޮޅުކަމާއި ކުޅަދާނަ ކާމާމެދުގައެވެ. ގެނެސްފައި ހުންނަ ކުލަތަކާއި ޑިޒައިންގެ މޮޅުކަމާ މެދުގައެވެ. އެހެން ކަމުން އޭނާ އަބަދުވެސް ބޭނުންވެފައިހުރީ ފައިވާން ހަދާގޮތް އަމިއްލަ ލޮލުން ދެކި ތަޖުރިބާ ކުރުމަށެވެ.

ފައިވާން ހަދާ ފެކްޓްރީއަކަށް ދިޔުމުގެ ޝައުގު

ފައިވާން ހަދާގޮތާ މެދު ކުރެވެންފެށި ފިކުރު ގޮސް ހުއްޓުނީ އެމަސައްކަތްކުރާ ފެކްޓްރީއަކާ ދިމާއަށެވެ. އެހިސާބުން ފައިވާންހަދާ ފެކްޓްރީއަކަށް ކޮންމެވެސް ދުވަހަކު ދިޔުމުގެ އަޒުމް އޭނާ ކަނޑައެޅިއެވެ. ހަމަ ގައިމުވެސް އެއީ މިރާއްޖެއިން ލިބޭނޭ ފުރުސަތެއް ނޫންކަން އޭނާއަށް އޭރުވެސް އެނގެއެވެ.

ފައިވާން ފެކްޓްރީއަކަށް ދިޔުމުގެ އުންމީދު ހަގީގަތަކަށް

ދިހޫގެ އުންމީދު ހާސިލްވީ ކުދިންނަށް ކިޔަވައި ދެއްވުމަށް ސްރީލަންކާއަށް ބަދަލުވި ހިސާބުންނެވެ. އޭނާ ލަންކާއަށް ބަދަލުވީ 2009 ވަނައަހަރުއެވެ. ލަންކާގައި އުޅެމުން ދަނިކޮށް އެއްދުވަހަކު އޭނާއަށް ފައިވާން ފެކްޓްރީއެއް ފެނުނެވެ. އެތަން ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ.

މަސައްކަތުގައި މުޅިންވެސް އަންހެނުން

އެންމެފަހުން ރައްޓެއްސަކާއެކު ފައިވާން ފެކްޓްރީއަށް ދިޔައެވެ. އޭނާއަށް ފެނުނީ ޝައުގުން ފުރިގެންވި މަންޒަރެކެވެ. "ފައިވާނުގެ އެކިބައިތައް ވަކިވަކިން ހަދަމުންދިޔަ މަންޒަރު ފެނުނީ. ފައިވާން ކަފާ މީހުން ކަފަނީ. ވަދު ހަދާމީހުން އެކަން. ވަދުލައްވާ މީހުން ލައްވަނީ. ޕެކްކުރާ މީހުން ޕެކްކުރަނީ. މިހެން ގޮސް ކޮންމެކަމެއްވެސް ވަކިން ކުރަމުން ދިޔައީ. އެންމެ ބޮޑަށް އަޅައިގަތީ އެމަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައީ ހީވެފައިވާގޮތާ ޚިލާފަށް މުޅިންވެސް އަންހެނުންކަން. އެހިސާބުން ފައިވާން ހަދާ ހިތްވެއްޖެ،" ދިހޫ ބުންޏެވެ.

ފައިވާން ހަދަން ދަސްކުރުން

ފައިވާން ހެދުމުގެ ޝައުގުވެރިކަން އުފެދުމާއެކު އޭނާބެލީ އެމަސައްކަތް ދަސްކޮށްދޭނެ ތަނެއް ހޯދުމަށެވެ. މަސައްކަތުން އެކަންވެސް ކާމިޔާބު ވެއްޖެއެވެ. އެމަސައްކަތް ދަސްކޮށްދޭ ކޯސް ހިންގާ ތަނެއް ފެނުނެވެ. އެތަނުން ޖާގަހޯދިއެވެ. ހިތްވަރާއެކު މަސައްކަތް ދަސްކުރަން ފެށިއެވެ.

އަހަރަކާއި 5 މަސްވީއިރު އޭނާއަކީ ފައިވާނާއި، ބޫޓާއި ހައިހީލްސްއާއި އަންހެނުން ޒީނަތްތެރިވާން ބޭނުންކުރާ ބައެއް ސާމާނާއި، އެހެންވެސް ބައެއްތަކެތި ހަދަން ފަރިތަ މީހަކަށް ވެއްޖެއެވެ. ލަންކާގައި އަމަލީ މަސައްކަތް

މަސައްކަތް ދަސްކުރުމަށްފަހު ލަންކާ މީހަކާ ގުޅިގެން އޭނާ އެމަސައްކަތް ލަންކާގެ އެންހެނުންނަށް ދަސްކޮށްދޭން ފެށިއެވެ. ކުޑައަގަކަށެވެ. އެގޮތުން ފަންސާހަކަށް އަންހެނުންނަށް އޭނާވަނީ އެމަސައްތް ދަސްކޮށްދީފައެވެ.

ރާއްޖޭގައި ކޯސް ހިންގުން

ލަންކާގައި އުޅެމުން ލިބޭ ބައެއް ފުރުސަތުތަކުގައި އޭނާ ރާއްޖެވެސް އާދެއެވެ. އަދި ބައެއް މީހުންނަށް އެމަސައްކަތް ދަސްކޮށްދޭން ފެށިއެވެ. އެގޮތުން ފައިވާން ހަދަން ދަސްކޮށްދޭ ކޯހުގެ ފަސްބުރު އޭނާވަނީ މާލޭގައި ހިންގައިފައެވެ. އެފަސްބުރުން ގާތްގަނޑަކަށް ދުއިސައްތަ ފަންސާ މީހުންނަށް މަސައްކަތް ދަސްކޮށްދެވިފައިވާނެ ކަމަށް ދިހޫ ބުންޏެވެ.

އޭގެ އިތުރަށް ރ. އަތޮޅު އަލިފުށީގައިވެސް މިކޯސް ހިންގާފައިވާނެ ކަމަށް ދިހޫ ބުންޏެވެ. އިތުރު ކޯސް ހިންގައި ދިނުމަށް އިތުރު ރަށްރަށުންވެސް އެދޭކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ތަފާތު ދަތިތަކާހެދި އެކަން އަދި ކުރެވޭ ގޮތެއްވަނީ ނުވެފައެވެ.

އެހެން ރަށްރަށުގައި އެ ކޯސް ހިންގިޔަސް އައްޑޫސިޓީގައި މިހާތަނަށް އެފަދަ ކޯހެއް ހިންގުމުގެ ފުރުސަތު އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އައްޑޫ މީހުންގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ދަސްކޮށްދޭން ދިހޫ ވެސް ބޭނުންވެއެވެ. "ފައިވާން ހަދަން ދަސްކުރުމަށްފަހުވެސް އެންމެ ބޭނުންވި އެއްކަމަކީ އައްޑޫ މީހުންނަށް މިކަން ދަސްކޮށްދޭން. އެހެންނަމަވެސް އެކަމެއް އަދިނުވޭ،" އޭނާ ބުންޏެވެ. އޭނާ ބޭނުންވަނީ ކޮމިޔުނިޓީއާ ގުޅިގެން އެމަސައްކަތް ކުރާށެވެ.

އެކަން އެގޮތަށް ކުރެވޭނީ ކޮންމެވެސް ޖަމިއްޔާއެއްގެ އެހީތެރިކަން ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފަދަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށް އޭނާ ބުންޏެވެ. އެފަދަ ބައެއްގެ އެހީތެރިކަން ލިބިއްޖެ ކަމަށްވާނަމަ އޭނާ އިނީ ތައްޔާރަށެވެ. އެފަދަ ބަޔަކާ ގުޅިގެން އެކަން ކުރުމުން ރަސްމީ ވެފައި ދެފަރާތަށްވެސް ފައިދާ ވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ މިހާރުވެސް އެއިނީ އޭނާގެ ގޭގެ ދޮރުގައި ކޮންމެވެސް ޖަމާއަތަކުން ޓަކިޖަހާލާނެ ކަމުގެ އުންމީދުގައެވެ.

އޭނާގެ ފައިވާނަށް އެރުމުގެ ފުރުސަތު އެންމެންނަށް

ދިހޫ ގޭގައި އިނަސް ބަލާނެ ކަމެއްނެތެވެ. އޭނާ ހަދާ ފައިވާނަށް އަރަން ބޭނުން ކޮންމެ މީހަކަށް އެފުރުސަތު އެބައޮތެވެ. އޭނާގެ ގާތަށް ދާންވީއެވެ. ފައިވާނެއް ހަދައިދޭން ބުނުމުން އެކަށީގެންވާ އަގެއްގައި އެމީހަކު ގަޔާވާގޮތަށް ފައިވާނެއް ހަދައިދިނުމަކީ އޭނާއަށް މާބޮޑު ކަމެއްނޫނެވެ. އޭނާ ދެޖިންސްގެ ފައިވާނާއި ބޫޓުވެސް ހަދައިދެއެވެ. ހައިހީލްސް ވެސް ހަދައިދެއެވެ. އެހެންވީމާ ދިހޫ ލައްވައި ފައިވާން ހަދައިގެން ހަމައަރަންވީއެވެ.

މޮޅު ފެހުންތެރިއެއް

ރީތި ފައިވާނަށް އެރުގެ އިތުރަށް ރީތި ހެދުން ލުމަކީވެސް އޭނާ ވަރަށް އިސްކަމެއްދިން ކަމެކެވެ. އެހެންވެ އަމިއްލައަށް ފަހަން ދަސްކުރިއެވެ. އެއަށްފަހު އަމިއްލަ ހެދުމާއި ރައްޓެހިންގެ ހެދުންތައް ފަހައިދީ މޮޅު ފެހުންތެރިއަކަށް ވިއެވެ.

އޭނާ ފަހަން ނުދަންނަ އެއްޗެއް ނެތޭވެސް ބުނެވިދާނެއެވެ. އަންހެނުންނާއި ކުޑަކުދިންގެ ހެދުމުން ފެށިގެން ޔުނިވަރސިޓީގައި ބޭނުންކުރާ ގައުން އާއި ޑިގްރީ ހެޓަށް ދާނދޭން އޭނާ ފަހައިދެއެވެ. މިހާތަނަށް ބައެއް ކޮލެޖުތަކަށް އޭނާވަނީ ހެޓާއި ގައުން ފަހައިދީފައެވެ. މިމަސައްކަތް ވެސް އޭނާ ދަސްކުރީ ލަންކާއިންނެވެ.

ދިހޫ އަތްދަބަހެއް ހެދުމުގެ މަސައްކަތުގައި

ދިހޫގެ ފެހުމުގެ ހުނަރު އިތުރުކުރީ ލަންކާގައި އުޅުނު ދުވަސްވަރުގައެވެ. އެހެން ނަމަވެސް އުމުރުން 14 ވަރަކަށް އަހަރުގައި އޭނާވަނީ ފަހަން ދަސްކޮށްފައެވެ. ގަމުގައި ގާމެންޓް ފެކްޓްރީ ހިންގި ޒަމާނުގައި އޭނާގެ ދައްތަ ގެންނަ "ގަމުފޮތި" ކޮޅު ބޭނުން ކޮށްގެންނެވެ.

ގޮންޖުހުން

ދިހޫގެ މިމަސައްކަތަށްވެސް ގޮންޖެހުން އެބަހުއްޓެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ފައިވާން ހަދަން ބޭނުންވާ މެޓީރިއަލްސް ރާއްޖެއިން ނުލިބުމެވެ. އެހެންކަމުން ސާމާނު ގެންނަން ޖެހެނީ ބޭރުގެ ބައެއް ކަރަތަކުންނެވެ. އޮޅުދޫ ކަރައާއި، ސީނު ކަރައިންނެވެ. ބޮޑު އަގުގައި ސާމާނު ގަނެގެން އެއާފްރައިޓް ކޮށް ރާއްޖެގެންނަން ޖެހެއެވެ. އެހެން ކަމުން އޭނާ ބޭނުންވާ އަގުގައި ފައިވާ ނުވިއްކެއެވެ. ބޮޑުއަގުގައި ވިއްކުމުގެ ބަދަލުގައި ވީހާވެސް ކުޑައަގެއްގައި ވިއްކުމަކީ އޭނާ ބޭނުންވާ ކަމެކެވެ. މިފަދަ އެތައް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ދިހޫ ބުންޏެވެ.

ނިންމުން

ދިހޫގެ މިމަސައްކަތަށް ސާބަހެވެ. އޭނާގެ މަސައްކަތުގެ އަގުވަޒަން ކުރާނެ ބަޔަކު އެބަ ބޭނުންވެއެވެ. އޭނާއަށް އިތުރަށް ކުރިއަށް ދިޔުމަށް ލައްކަ ގިނަ މީހުންގެ އެހީއާއި މަދަދު އަދިވެސް ބޭނުންވެއެވެ. އަންހެނުންގެ ކޮމިޓީއެވެ. ކައުންސިލެވެ. ޖަމިއްޔާ ޖަމާއަތްތަކެވެ. މާލެއާއި މަދު ރަށެއްގައި ކޯސްތައް ހިންގަން ކުރިން ލިބުނަސް މިހާރު އެފަދަ ފުރުސަތު ލިބުން ވަރަށް މަދެވެ. މަސައްކަތެއް ދަސްކޮށްގެން އައިސް އެހެން މީހުންނަށް އެ ހުނަރު ދަސްކޮށް ދިނުމުގެ ފުރުސަތު ހަނިވުގެ ފޫހިކަމާއި މާޔޫސްކަމުގެ އިހުސާސް ދީހޫ ވެސް ކުރެއެވެ. ދިހޫ މިހާރު ބޭނުންވަނީ އޭނާގެ އަތުގައި ހިފާނެ ރަސްމީ ފަރާތެކެވެ. މަސައްކަތްތައް ދަސްކޮށްގެން ހިމޭނުން ގޭގައި އިނުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ އެމަސައްކަތް އެހެން މީހުންނަށް ދަސްކޮށްދީ ފުޅާކުރާށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.