ރާއްޖޭގެ އިންފުލޭޝަން ރޭޓު 3 ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓޭނެ

ރާއްޖޭގެ އިންފުލޭޝަން ރޭޓު މިއަހަރާއި އަންނަ އަހަރު 3 ޕަސެންޓަށް ވުރެ ދަށުގައި ހިފެއްހެއްޓޭނެ ކަމަށް "އޭޝިއަން ޑިވެލޮޕްމަންޓް އައުޓުލުކް 2018″ ލަފާ ކޮށްފިއެވެ.

އޭގެ އިތުރަށް ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމުގެ ސަބަބުން ކަރަންޓް އެކައުންޓު ޑެފިސިޓް 17 އިންސައްތަ ކުޑަވާނެކަމަށް ވެސް ވަނީ ލަފާކުރައްވައިފައެވެ. މިއަހަރާއި އަންނަ އަހަރުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އެއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާއި، ރާއްޖޭގައި މިހާރު ހަދަމުންދާ 30 ރިސޯޓު އަންނަ އަހަރުގައި ހުޅުވޭނެކަމަށް ބެލެވޭތީ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރަށް އެތެރޭގެ އުދުހުންތަކަށް ޚާއްސަ ގިނަ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިއުމަކީވެސް ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ވަނ ލަފާކުރައްވައިފައެވެ.

މިއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރެވެ. އެހެންކަމުން ކުރިން އަންދާޒާކޮށްފައިވާ ވަރަށް ރިކަރަންޓް ޚަރަދު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެކަމަށްވެސް އޭޑީބީން ބުނެފައިވެއެވެ. އަދި މިއަހަރު ރާއްޖޭގެ ކެޕިޓަލް ޚަރަދު 25 އިންސައްތަ އިތުރުވާނެކަމަށާއި އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ޑޮމެސްޓިކް އެއާޕޯޓު އަދި ހޮސްޕިޓަލް އެޅުމާއި މަގުހެދުން ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހިމެނޭކަމަށްވެސް އައުޓުލެޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއެރުވުމަށް އޭޑީބީން ވަނީ ލަފާވެސް ދެއްވައިފައެވެ. އެގޮތުން ބޭރުގެ ދަރަނި ރަނގަޅަށް މެނޭޖުކޮށް އެ ދެއްކުމާއި، ބޭރުފައިސާގެ ރިޒާވް އިތުރުކުރުމާއި، ސިޔާސީ މަސްރަހު ހަލަބޮލިވުން ކުޑަކުރުމަކީ މުހިންމުކަމެއް ލަފާ ދީފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.