އެމްޑަބްލިޔުއެސްސީގެ ފްލެޓް ތަކަށް ފޯމު ދޫކުރަން ފަށައިފި

ރާއްޖޭގެ މައި ފެންކުންފުނި ކަމަށްވާ އެމްޑަބްލިޔުއެސްސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ފްލެޓް ތަކަށް ކުރިމަތިލާން އެ ކުންފުނީގެ މުއައްޒަފުންނަށް މިއަދު ހުޅުވާލައިފިއެވެ.

ސަރުކާރުން ކުރިޔަށް ގެންދާ "ހިޔާ މަޝްރޫއު" ގެ ދަށުން ސަރުކާރު ޙިއްސާވާ ކުންފުނި ތަކުން ފްލެޓް އަޅަން ދިން ފުރުޞަތުގެ ތެރެއިން ފެންކުންފުނިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ 15 ބުރީގެ 2 ޓަވަރުގެ ފްލެޓް ތަކަށް ފޯމު ހުށަހެޅުން މިއަދު ވަނީ އިފްތިތާޙު ކޮށްފައެވެ. އެ ކުންފުނީގެ މުއައްޒަފުންނާއެކު މިއަދު ފޯމު ހުށަހެޅުން އިފްތިތާޙު ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ލިލީގެ ޗެއާރމަން މައްލާ އަޙްމަދު ނާސިރާއި ފެންކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ފްލެޓްތައް ނިންމައި ހަވާލު ކުރަން އެއްބަސްވެ، އެކުންފުނީގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސްއަށެވެ. އެމްޑަބްލިޔުއެސްސީން ދޫކުރާ ފްލެޓްތަކުގެ ތެރެއިން 1 ކޮޓަރީގެ ފްލެޓެއްގެ އަގަކީ 700،00 ރުފިޔާއި 850،00 ރުފިޔާއާ ދެމެދުގެ އަގެކެވެ. 2 ކޮޓަރީގެ ފްލެޓެއްގެ އަގަކީ 1.3 މިލިއަން ރުފިޔާ އާއި 1.4 މިލިއަން ރުފިޔާއާ ދެމެދެވެ. 3 ކޮޓަރީގެ ފްލެޓެއްގެ އަގަކީ 1.4 މިލިއަނާއި 1.6 މިލިއަން ރުފިޔާއެވެ.

މިއަދު ފޯމު ދޫކުރުން އިފގްތިތާޙު ކުރަން އެކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވީ ފެންކުންފުނިން މުއައްޒަފުންނަށް ފްލެޓްތައް ދޫކުރާއިރު ޑައުންޕޭމަންޓް ދެއްކުމުގައިވެސް ހަތަރު މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖައްސައިދޭނެ ކަމަށާއި އަދި ކުންފުނިން މުއައްޒަފުންނަށް ލޯނު ދިނުމުގެ އިތުރުން ބޭންކްތައް މެދުވެރިކޮށްވެސް ފައިސާ ހޯދޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.