ސައުތު އޭޝިއާ މީޑިއާ ކޮންފަރެންސް ފެށިއްޖެ

ސައުތު އޭޝިއާ މީޑިއާ ކޮންފަރެންންސްގެ ނަމުގައި މިއަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކޮންފަރެންސެއް ފަށައިފިއެވެ. މިއީ ޕާކިސްތާން މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަނުން ރާވައިގެން ކުރިއަށް ގެންދާ ތިން ދުވަހުގެ ކޮންފަރެންސެކެވެ. ކޮންފަރެންސެ ހުޅުއްވައި ދެއްވީ ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯރ އިންފޮމޭޝަން ބްރޯޑްކާސްޓިންގ، ނޭޝަނަލް ހިސްޓްރީ އެންޑް ލިޓްރަރީ ހެރިޓޭޖް އޮނަރަބްލް މަރިޔަމް އޯރަންޒޭބެވެ.

މި ކޮންފަރެންސަކީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮންނަ މައްސަލަތައް ހައްލު ކުރުމުގައި ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް އަދާ ކުރެވިދާނޭ ނުވަތަ އަދާކުރަން ޖެހެ ދައުރާ ބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމުގެ ބޭނުމުގައިބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ސާކްގެ ހުރިހައި ގައުމަކުން މަންދޫބުން ބައިވެރިވެއެވެ. ދިވެހިރާއްޖެއިން ބައިވެރިވީ ވީމީޑިއާގެ ސީނިއަރ އެޑިޓަރ އާމިނަތު އަމީނާ ނަޢީމާއި، އާފަތިހުގެ އެޑިޓަރ ޢަބްދުﷲ ނަޢީމު އިބްރާހީމެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންފޮމޭޝަން މިނިސްޓަރު ވަނީ ނޫސްވެރިންގެ ޒިންމާއާއި، ސަރަހައްދުގެ މައްސަލަތައް ހައްލު ކުރުމަށް ނުވަތަ ކުޑަކުރުމަށް ނޫސްވެރިންނަށް ކުރެވިދާނޭ ކަންތައްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ގައުމެއްގައި ފެނުގެ މައްސަލައެއް، ތިމާވެށީގެ މައްސަލައެއް ފަދަ މައްސަލައެއް ކުރިމަތިވުމަކީ ނޫސްވެރިން މާ ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަކަށެއް ނުވެއެވެ. ނޫސްވެރިން ބޮޑު ސަމާލުކަމެއް ދެނީ މީހުން މެރުމާއި، ތަންތަން ގޮއްވުން ފަދަ ކަަންކަމުގެ މައްޗަށެވެ. އެއީ އެކަން އޮންނަ ގޮތް ކަމުގައި ވިޔަސް މިފަދަ ބައްދަލު ވުމެއްގައި ނޫސްވެރިންގެ މެދުގައި ވާހަކަ ދައްކައިގެން ސަރަހައްދުގެ އެއްބައިވަންތަކަމަށް ބާރުލިބޭ ފަދަ ގޮތަކަށް ނޫސްވެރިކަން ބަދަލު ކުރުމަކީ ވަރަށް މުހުއްމު ކަމެކެވެ.

މިއަދު ހެނދުނު 9.30 ގައި ފެށި މި ކޮންފަރެންސް ނިމޭނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އޮނަރަބްލް ޝާހިދު ޚަޤާން ޢައްބާސީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.