މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

މަހާތީރު މިރޭ ބޮޑުވަޒީރުކަމުގެ ހުވާކުރައްވަނީ

ޑޮކްޓަރ މަހާތީރު ބިން މުޙައްމަދު މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ. އޭނާ މިފަހަރު ހުވާކުރެއްވީ އެގައުމުގެ ހަތްވަނަ ބޮޑުވަޒީރުގެ ގޮތުގައެވެ.

އޭނާ ހުވާކުރެއްވުމުގެ ކުރިން، މަގާމުން ވަކިވެވަޑައިގަތް ބޮޑުވަޒީރު ނަޖީބު ރައްޒާޤު ވަނީ އޭނާގެ ބަރިސާން ނާސިއޮނަލް (ބިއެން) ބަލިވުމުން ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ގިނަ ބަޔަކު ހައިރާންކޮށްލި ތާރީޚީ އިންތިޚާބީ މޮަޅަކަށް ފަހު އުމުރުފުޅުން 92 އަހަރުގައި ދުނިޔޭގެ އެންމެ މުސްކުޅިފުޅު ބޮޑުވަޒީރުގެ ގޮތުގައި މެލޭޝިޔާގެ ރަސްގެފާނު ސުލްޠާނު މުޙައްމަދު 5 ގެ ކުރިފުޅުމަތީގައި އޭނާ ހުވާކުރެއްވީ މިރޭ 9:30 ގައެވެ. ޝާހީ ގަނޑުވަރު އިސްތާނާ ނެގާރާގައި މެލޭޝިޔާގެ ސަގާފަތާ އެއްގޮތަށް ބޭއްވުނު ރަސްމިއްޔާތެއްގައި މެލޭޝިޔާގެ ސަގާފީ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނަވައިގެންނެވެ.

މަހާތީރު ހުވާކުރެއްވުމާއެކު، ކުއަަލަލަމްޕޫރުގެ ކަންކޮޅުތަަކުގައި ހަވާ އަރުވައި މީހުން އުފާކޮށްފައި ވެއެވެ.

މީގެކުރިން، ހުޅަނގުން ސިފަކުރާ ގޮތުގައި 'ގޮށްމުށުގެ ބާރުގައި' 22 އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު، 2003 ވަނައަހަރު އޭނާ ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަތެވެ. އެހެން ނަމަވެސް އޭނާ އަލުން ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ ބޮޑު ވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް އިތުރުވުމުން، ކޮރަޕްޝަން ހުއްޓުވައި ގައުމު އިސްލާހުކުރެއްވުމުގެ ވައުދުފުޅާއެކުގައެވެ.

އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި އޭނާގެ ޕަކަތާން ހަރަޕާން (ޕީއެޗް- އެލަޔަންސް އޮފް ހޯޕް) އަށް ރައްޔިތުން ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ދިނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ދިން ވޯޓެެއްގެ ގޮތުގައެވެ. ޕީއެޗް ކޯލިޝަނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިޚާބު ބޭއްވި 12 ސްޓޭޓްގެ ތެރެއިން 7 ސްޓޭޓެއްގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ.

ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ވަހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ބޮޑުވަޒީރުގެ ކުރީގެ ނާއިބު އަންވަރު އިބްރާހީމަށް ޝާހީ މާފެއް ދެއްވާތޯ ރަސްގެފާނުގައި އަރިހުގައި ދަންނަވާނެކަމުގައެވެ. އަދި އޭނާ ޖަލުން މިނިވަންވެވަަޑައިގެންފިނަމަ، އޭނާ ބޮޑުވަޒީރަކަށް ހެއްދެވުމަށް އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވާނެކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.