އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު މަހުގެ ޖަލު ޙުކުމެއް އިއްވައިފި

މިވަގުތުވެސް ޖަލުގައި ހުންނެވި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިއަދު ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި އެމަނިކުފާނުގެ މައްޗަށް ހަތަރު މަހުގެ ޖަލު ޙުކުމެއް އިއްވީ ގަވަރމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ކަނޑާލަން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ކަނޑާލަން އެންގެވި މައްސަލައިގައެވެ. މި މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައި ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ދައުވާއެވެ. ދައުލަތުގެ ފަރާތުން އެމަނިކުފާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާ ސާބިތުވުމާއި ގުޅިގެން މިއަދު ޙުކުމް އިއްވެވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ.

ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމަށް ފަހު ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު ދޫނިދޫ ޖަލުގައި އޭގެފަހުން ދިރިއުޅުއްވަން ޖެހިވަޑައިގެންފައިވާއިރު މިއަދު އެމަނިކުފާނުގެ މައްޗަށް އިއްވި 4 މަސް ދުވަހުގެ ޖަލު ޙުކުމާއި ގުޅިގެން ޝަރީއަތަށް ފަހު ކޯޓު ރޫމް ތެރޭގައި ވަނީ ޙުކުމް އިއްވި ގާޒީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ނަމަވެސް ގާޒީ އިބްރާހިމް އަލީ ވަނީ ކޯޓު ރޫމުގެ ތެރޭގައި އުއްތަމަ ފަނޑިޔާރަށް ރައްދު ނުދެއްވައި ކޯޓުން ނުކުމެވަޑައިގެންފައެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ދައުވާއި ގުޅިގެން 4 މަހުގެ ޖަލު ޙުކުމެއް އައިއިރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިއަށްވުރެ ބޮޑެތި ދައުވާ ތަކެއްވެސް ދައުލަތުން މިހާރު ވަނީ ކޮށްފައެވެ. އޭގެތެރޭގައި ރިޝްވަތު ހިއްޕެވި ކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާވެސް ހިމެނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.