ނައިޖީރިޔާ ސިފައިން 1000 ރަހީނުން ސަލާމަތްކޮށްފި

ނައިޖީރިޔާ ސިފައިން އަސްކަރީ އޮފަރޭޝަނެއްގައި ހަރަކާތްތެރިވަނީ

ނައިޖީރިއާ ސަފައިން އެގައުމުގެ އިރު އުތުރުގައި ބޯކޯ ހަރާމުން ރަހީނުކޮށްފައި ތިބި އެއްހާސް މީހުން ސަލާމަތްކޮށްފިއެވެ. އެގައުމުގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ޖަމާއަތުގެ އަތްދަށުން ސަލާމަތްކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.
ސިފައިންގެ ތަރުޖަމާނު ބްރިގޭޑިޔާ ޖެނެރަލް ޓެކްސާސް ޗުކްވޫ ބުނި ގޮތުގައި އެމީހުން ސަލާމަތްކޮށްފައި ވަނީ ބޯނޯ ސްޓޭޓްގެ ބާމާ ސަރަހައްދުގެ ހަތަރު އަވަށަކުންނެވެ. ސަލާމަތްކުރި މީހުންގެ ތެރޭގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިންގެ ގޮތުގައި ގަދަކަމުން ގެންގުޅެފައި ތިބި ބައެއް ފިރިހެނުންވެސް ހިމެނެއެވެ.
ތަރުޖަމާނު ބުނިގޮތުގައި، ނައިޖީރިޔާ ސިފައިން މި އޮޕަރޭޝަން ހިންގާފައި ވަނީ ބޯކޯ ހަރާމްއާ ދެކޮޅަށް ހަނގުރާމަކުރުމަށް އުފައްދާފައިވާ މަލްޓިނޭޝަނަލް ޖޮއިންޓް ޓާސްކްފޯސް (އެމްއެންޖޭޓީއެފް) އާ ގުޅިގެންނެވެ. އެހެންނަމަވެސް ކޮންއިރަކު ކިހާ މުއްދަތެއްގައި ކަން އޭނާ ހާމަނުކުރެއެވެ. އެމްއެންޖޭޓީއެފް ގައި ނައިޖީރިޔާ ސިފައިންގެ އިތުރަށް ހިމެނެނީ ބެނީން، ކެމަރޫން، ޗާޑް އަދި ނައިޖަރުގެ ސިފައިންނެވެ.
ނައިޖީރިއާގައި ފާއިތުވި ނުވައަހަރު ކުރިއަށް ގެންދިޔަ ހަނގުރާމައިގައި ބޯކޯ ހަރާމުން ވަނީ އެތައްހާސް އަންހެނުންނާއި ކުދިން ވަގަށް ނަގައި ރަހީނުކޮށްފައެވެ. ސިފައިން މީގެ ކުރިންވެސް ރަހީނުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ސަލާމަތް ނުވެ އެބަތިއްބެވެ. އޭގެ ގެރޭގައި 2014 ވަނަ އަހަރު ޗިބޮކްގެ ސްކޫލަކުން ރަހީނުކޮށްގެން ގެންދިޔަ ކުދިންވެސް ހިމެނެއެވެ.
2015 ވަނަ އަހަރު އަލުން އިންތިޚާބުވެޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ރައީސު މުހައްމަދޫ ބުހާރީގެ މައިގަނޑު އެއް ވައުދަކީ ބޯކޯ ހަރާމް ބަލިކުރެއްވުމެވެ. އޭނާ ބޯކޯ ހަރާމް ބަލިވެއްޖެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ ޖަމާއަތުން ދަނީ ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ރަހީނުކޮށް، ޖާނުން ފިދާވުމުގެ ހަމަލާތައް ދެމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.