ގެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައީސް މައުމޫނަށް އެބައޮތް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ރައީސް މައުމޫން އެހުންނެވީ ދޫނީދޫ ޖަލުގައި ބަންދު ކުރައްވައިފައެވެ.

އެމަނިކުފާނު ބަންދު ކުރެއްވުމުން ރައީސް ޔާމީންގެ ބޭބޭފުޅަށް ވީތީ ދޫކޮށްލެއްވުމަށް ބައެއް ފަރާތްތަކުން އެބަ ގޮވައިލައްވައެވެ. އެމަނިކުފާނު ގައުމަށް ކޮށްދެއްވައިފައިވާ ޚިދުމަތްތައް މެދުވެރި ކުރައްވައި އެމަނިކުފާނު ދޫކޮށްލެއްވުމަށް އެބަ ގޮވައި ލައްވައެވެ. އެމަނިކުފާނުގެ އުމުރުފުޅުގެ ދޮށިކަމަށް ބެއްލެވުމަށްފަހު ދޫކޮށްލެއްވުމަށް އެބަ ގޮވައި ލައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަދި ގާނީނީ ވަކީލް މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އެގޮތަށް ބަންދުކޮށްފައި ބެހެއްޓެވުމަށް މިހާރުގެ ގާނޫނު އަސާސީން ޖާގައެއް ނުދޭކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައިވާ ތުހުމަތު ތަކާއި މަތީގައި އެވާ ސަބަބުތަކާ އެއްވެސް ގުޅުމެއްނެތެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދުލު އިންސާފުގެ ކުރިމަތީގައި އެންމެން އެއްވަރުވާނެ ކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކާ ގުޅޭ ހެކިނައްތަވައިފައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ދޫކޮށްލައްވަން އެކިފަރާތްތަކުން ގޮވާލަމުން ދިޔަސް އެކަން ކުރެވޭނެ މާހައުލެއްނެތް ކަމަށެވެ.

ރައީސް މައުމޫން ޖަލުގައި ހުންނެވިޔަސް އެމަނިކުފާނާ މެދު އަމަލު ކުރައްވަނީ މިހާތަނަށް ސިޔާސީ ބޭފުޅަކާ މެދު ޖަލުގައި އަމަލުކުރައްވާ އެންމެ ރަނގަޅު އުސޫލުން ކަމަށް އެމަނިކުފާނުވެސް އެއްބަސްވެ ވަޑައި ގަންނަވައެވެ. އެންމެ ރަނގަޅު ބޭސްފަރުވާއާއި، ގިނިކަންޏާ އުޅުއްވާއިރު ބޭނުންފުޅުވާނެ ހުރިހާ އިންތިޒާމެއްވެސް ވަނީ ހަމަޖެހިފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ސަރުކާރު ބަދަލު ކުރައްވަން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއާއެކު ގެކޮޅަށް ވަޑައިގެންނެވުމުގެ ފުރުސަތުވެސް އެމަނިކުފާނަށް އެބައޮތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެގޮތަކީ އެކަމާ ބެހޭގޮތުން ރައީސް މައުމޫން އަތްޕުޅުގައި ހުރި ހެކިތައް ތަހުގީގަށް ވިދާޅުވެ ދެއްވުމެވެ. އެވާހަކަތައް ވިދާޅުވެ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ކޮށްދެއްވައިފައިވާ ޚިދުމަތްތަކަށްޓަކައި އެމަނިކުފާނަށް ގަދަރާއި އިހުތިރާމް ކުރަންޖެހެއެވެ. ހަމަ އެގޮތަށް "ސަރުކާރު ވައްޓަވާ ލެއްވުމަށް ކުރައްވައިފައިވާ" ކަންކަމަށް އިންސާފުވެސް ލިއްބައިދޭން ޖެހެއެވެ.

ތެދެކެވެ. ރައީސް މައުމޫނުގެ އުމުރުފުޅުން 82 އަހަރު ވެއްޖެއެވެ. ދޮށީ އުމުރުގެ އެހެން ބޭފުޅުން ފަދައިން ޝަރަފުވެރި ކަމާއެކު އުޅުއްވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އޮންނަން ޖެހެއެވެ. އެކަން އަދި ޚާއްސަވެސް ވާންޖެހެއެވެ. ކުރީގެ ޚިދުމަތްތެރި ރައީސަކަށް ވީތީއެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ސަބަބުން އެމަނިކުފާނުގެ "ރަން ތީރިސް" އަހަރަށްވެސް ވަނީ ކަޅު ހިޔަންޏެއް އެޅިފައި ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް މައުމޫނުގެ ޚިދުމަތްތަކާއި، އިއްޒަތާއި، ޝަރަފާއި، މިހުރިހާ ކަމަކަށް ރިއާޔަތް ކުރެއްވިޔަސް މިހާރު އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތްތަކުގެ ބޮޑު ކަމުން އެކަންކަމަށް ހިޔަނި އެޅޭ ކަމަށެވެ. އެހެން ކަމުން މިހާރު އެމަނިކުފާނު ކުރައްވަންޖެހޭ ކަމަކީ އެ ތުހުމަތު ތަކުން ބަރިއްޔަ ވުމެވެ. ކުށެއްނެތްކަން ރައްޔިތުންނަށާއި ކޯޓުތަކުގައި ސާބިތު ކޮށްދެއްވުމެވެ.
އުމުރު ފުޅުން 82 އަހަރުގައި ސިޔާސީ މައިދާނުން އެމަނިކުފާނަށް ހާސިލް ވާނީ ކޯއްޗެއް ހެއްޔެވެ؟ ތަޖުރިބާއެވެ. 30 އަހަރަށްވުރެ ގިނަދުވަހުގެ ސިޔާސީ ތަޖުރިބާއެވެ. އެކަމަކު އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ކުރިމަގެއް މިހާރަކު ނެތެވެ. އުރުފުޅުގެ މަތި ކަމުންނެވެ.

ވެރިކަން ބޭނުންފުޅު ވެގެން އުޅުއްވާ ސިޔާސީ ބޭފުޅުންނަށް ނާޖާއިޒު ގޮތުގައި އެކަންކަން ފަހި ކޮށްދެއްވުމަށް ރައީސް މައުމޫން މަސައްކަތް ކުރައްވާ ކަމަށްވާނަމަ އެއީ އެމަނިކުފާނުގެ ޝަޚުސިއްޔަތަށް ނިސްބަތް ކުރައްވާއިރު ވަރަށް ހިތާކުރަންޖެހޭ ކަމެކެވެ. އެހިސާބުން އެމަނިކުފާނުގެ ތަޖުރިބާއާމެދުވެސް މީހުން ޝައްކު ކުރާނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ފުލުހުންގެ ބަންދަށް ރައީސް މައުމޫން ގެންދެވީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުއްވި އަމުރަށްފަހު ސްޓޭޓް އޮފް އެމެޖެންސީ (އެސްއޯއީ) ގެ ދަށުންނެވެ. އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންނެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ އެދުވަހުގެ އެހުމަކީ ސަރުކާރު ހުއްޓުމަކަށް ގެނައި ހުކުމެއް ކަމަށެވެ. އެ ހުކުމް ނެރުމުގެ މަގުސަދަކީ ސަރުކާރު ވައްޓާލުން ކަމަށް ސަރުކާރުން ގެންދަވަނީ އެހާރުވެސް އަދި މިހާރުވެސް ވިދާޅުވަމުންނެވެ. އެކަން ނާކާމިޔާބު ވުމުން އެކަމުގެ މުގުލުގައި ތިއްބެވި ބޭފުޅުން މިހާރުވަނީ ގޮތްހުސްވެ ޖަލުތަކުގައި ތާށިވެ މާޔޫސް ވެފައެވެ.

ގައުމަށް އެފަދަ ކޮންމެ ކަމެއް މެދުވެރިވާ ވަގުތަކީ މަސްއޫލުވެރި މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އިޚުލާސްތެރި ކަމާއެކު ގައުމަށް ވަފާތެރިވާންޖެހޭ ވަގުތުތަކެކެވެ. އެހެންނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެދަނޑިވަޅުގައި އެކަން ނުކުރެއްވުނެވެ. އެކަމުގެ ނަތީޖާ މިއަދު މިފެންނަނީއެވެ. އެމަނިކުފާނުވަނީ ސަރުކާރު ހިންގެވުމަށް ގަސްތުގައި ހުރަސް އަޅުއްވައިފައި ކަމަށް ފުލުހުންގެ ބަޔާންތަކުން އެނގެއެވެ.

އެކެއް ފެބުރުއަރީގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޖެއްސެވި މުގުރުގެ އަޑު ކެނޑެން ގާތެއްވެސް ނުވެއެވެ. ގައުމުގެ ތަބުތަކަށް ލޮޅުންއެރި ބޮޑުކަމުނެވެ. އެދުވަހު އެމުގުރު ދިވެހި ދައުލަތުގެ ހިމާޔަތުގައި ޖެއްސެވިނަމަ މިއަދުގެ މަންޒަރު ތަފާތުވީހެވެ.

ގައުމުގެ ފަނޑިޔާރުންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އިންސާފުވެރިކަމާއެކު އެކަމަށް ހައްލު ހޯއްދަވައިދެއްވަން ތިއްބަވާ ބޭފުޅުންނެވެ. ވަކި ބޭފުޅަކު ވެރިކަމަށް ގެންނެވުމަށް މަގުފަހިވާ ކަމެއް އެބޭފުޅުން ކުރެއްވުމަކީ ހުތުރު ކަމެކެވެ. އެއީ ވަކި އަތަކަށް ބުރަވެފައި ތިއްބެވިކަން އަންގައިދޭ ކަމަކެވެ.

ފަނޑިޔާރުން ވާންޖެހޭނީ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއްނެތި އަދުލުވެރި ހުކުމްތައް ނެރުއްވައި ގައުމު އެކަތިގަނޑަކަށް ހައްދަވައިދެއްވާ ބޭފުޅުންނަށެވެ. އެހެންނަމަވެސް ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން މަސައްކަތް ކުރައްވައިފައިވަނީ ރައީސް ޔާމީންގެ ސަރުކާރު "ބަޣާވާތަކުން" ވައްޓާލަން ކަމަށް ސިދާ ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ. އެންމެން މިހާރު އިންތިޒާރު ކުރައްވަނީ ފެބުރުއަރީ އެކެއްގެ ހުކުމަށްފަހު ބަންދު ކޮށްފައިވާ ބޭފުޅުންނާމެދު ފަނޑިޔާރުގެއިން ޖައްސަވާނެ "މުގުރު" ގެ އަޑަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.