ހަނގުރާމައަކަށް ދާން ޖެހުނަސް އީރާނުގެ 'އުދުވާން' ހުއްޓުވާނަން: ނަތަންޔާހޫ

އިަސްރާއީލު ސިފައިންގެ އަސްކަރީ އުޅަނދުތަކެއް

އީރާނާއި ހަނގުރާމަކުރަން ޖެހުނަސް، 'އީރާނުގެ އުދުވާން' ހުއްޓުވަން އިސްރާއީލު ތައްޔާރަށް އޮތް ކަމަށް ފަލަސްޠީނަށް އަތްގަދަކޮށްގެން އުޅޭ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އޭނާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އޭނާ ބުނީ "އިސްެރާއީލުން އޮތީ، ހަނގުރާމައަކަށް ދާން ޖެހުނަސް، އަހަރުމެންނާ ދެކޮޅަށް އީރާނުން ރާވާ އުދުވާން އޭގެ ފަރުތަމަ މަރުހަލާގައި ވަނިކޮށް ހުއްޓުވުމުގެ އަޒުމުގައި. އެކަން ލަހުން ވުމަށްވުރެ އަވަހަށް ވުން ރަނގަޅީ."
އޭނާ ބުނީ އިސްރާއީލުން މައްސަލަ ގޯސްކުރަން ބޭނުން ނުވި ނަމަވެސް، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވިޔަސް އިސްރާއީލުގެ އުތުރު ސަރަހައްދީ ރޮނގު ކައިރީގައި އަސްކަރީ ބާރެއް ގާއިމުކުރުން އީރާނު ހުއްޓވާނެ ކަމަށެވެ.
"އެބަޔަކާ ދެކޮޅަށް ފަނާކުރަނިވި އުދުވާން ބޭނުންކުރާތަން ފެނުމުން، ވަގުތުން އަމަލީ ފިޔަވަޅު އަޅަން ތައްޔާރަށް ނެތް ގައުމުތަކުން ވަނީ އެކަމަށް ބޮޑު އަގެއް ދައްކާފައި" ނަތަންޔާހޫ ބުނެފައި ވެއެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދަނީ، ހަނގުރާމައިގެ މައިދާނުގައްޔާއި، ގެތަކުގައި އިސްރާއީލު މީހުންނަށް ހަމަލާދިނުމަށްޓަކައި ސީރިޔާއަށް ޒަމާނީ ހަތިޔާރު ދެމުންކަމަށާއި، އޭގެ ތެރޭގައި ހަމަލާދޭ ޑްރޯނާއި، ބިމުން ބިމަށް ފޮނުވާ މިިސައިލާއި، ބޮންއަޅާ ބޯޓުތަކަށް ނުރައްކާ ކުރާ އެންޓި އެއަރކްރާފްޓް މިސައިލްވެސް ހިމެނޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ތުހުމަތު ކޮށްފައި ވެއެވެ.
'ސީރިޔާގައި ފައިތިލަ ސާބިތުކުރުމަށް އީރާނުން ކުރާ މަސައްކަތުގެ އަލީގައި' އަންނަ ބުދަ ދަވަހު ރަޝިޔާގެ ރައީސު ޕުޓިންއާއެކު ބޮޑުވަޒީރު ނަތަންޔާހޫ ބާއްވާ ބައްދަލުުވުން މުހިއްމުވެގެންދާކަން ވެސް ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.
ނަތަންޔާުހޫގެ އޮފީހުން މިހެން ބުނެފައި ވާއިރު، ފާއިތުވި އެޕްރީލް މަހުގެ ފަހުކޮޅު ހަމާގައިވާ ސީރިޔާ ސިފައިންގެ މަރުކަޒަށް ދީފައިވާ ވަރުގަދަ ހަމަލާއަކީ އެ މަރުކަޒުގައި ތިބި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ހަމަލާއެއް ކަަމަށް ބުނެވެއެވެ. ސީރިޔާއިން ލިބޭ ޚަބަރުތައް ބުނާގޮތުގައި އެހަމަލާގައި ބިމުން ބިމަށް ފޮނުވާލެވޭ 200 މިސައިލް ހަލާކުވެ، އީރާނުގެ 11 މީހުން މަރުވެފައިވެެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.