ފްލެޓަށް އެދޭ ފޯމު 2 ޖެހިއިރު ދޫކުރަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ހަދަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި މިއަދު ފޯމު ދޫކުރަން ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ފޯމު ދޫކުރުން މިއަދު ހުޅުވާލީ މެންދުރު ފަހު 2 ޖެހިއިރުއެވެ. ފޯމު ދޫކުރަން ފެށުމުގެ ކުރިން ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ 7000 ފްލެޓް ދޭނީ އިންސާފުވެރިކަމާއެކު ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މިއީ ގިނަ ކެޓަގަރީ ތަކެއް ފްލެޓަށް އެދި ހުށަހަޅަން ހުރުމުން ގިނަބަޔެއްގެ ހައްގު ހިފެހެއްޓިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މިއަދު ފޯމު ދޫކުރަން ފެށި ނަމަވެސް ފޯމު ބަލައިގަތުން ފަށާނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. ޖޫން 3 ގައި ފޯމު ބަލައިގަތުން ފެށުމަށް ފަހު ފޯމު ލުމުގެ އެންމެ ފަހު ތާރީޚެއް ކަމުގައި މިހާރު ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް ޖުލައި 31 ވަނަ ދުވަހު ފޯމު ބަލައިގަތުން ބަންދު ވުމާއި ހަމައަށްވެސް ފޯމު ދޫކުރަމުން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފޯމު ދަރުބާރުގެއިން ދޫކުރަމުން އަންނައިރު އެ މިނިސްޓަރީގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި ފޯމު ހުށަހަޅަންވެސް ވަރަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިފަހަރު ދޫކުރާ 7000 ފްލެޓް ދޭނެ ކެޓަގަރީތައް މީގެކުރިން ވަނީ އިއުލާން ކޮށްފައެވެ. އަދި އެ ކެޓަގަރީ ތަކަށް ދޫކުރާނެ ފްލެޓްގެ އަދަދުވެސް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މިފަހަރު ދޫކުރާ 7000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ސިވިލްސާވިސް މުއައްޒަފުންނަށް 1000 ފްލެޓް، މާލޭގެ ރައްވެހިންނަށް 1000 ފްލެޓް، މާލެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް 1044 ފްލެޓް، ކައިވެނިކޮށްގެން އުޅޭ 18 އަހަރާއި 40 އަހަރުގެ މީހުންނަށް 1000 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފްލެޓް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 200 ފްލެޓް އަދި މާފަންނު ދެކުނު ދާއިރާގެ ވަރަށް ނިކަމެތިކޮށް ދިރިއުޅެމުންދާ މީހުންގެ ތެރެއިން 256 ފްލެޓް އާއި އެމްޑީޕީގެ ވެރިކަމުގައި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް އިތުރު ގޮތެއް ހަމަނުޖެހި ތިބި 300 މީހުންނަށް ދޫކުރާ ފްލެޓެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.