ފިރިކަލުން 2018 ގައިވެސް ރައީސް ކަމަށް ހޮވައިދިނުމަށް އެދިވަޑައިގެންފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އަދި ފިރިކަލުން އަބްދުﷲ ޔާމީން ރައީސް ކަމަށް ހޮވައިދެއްވުމަށް ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ފުރަތަމަ ފަހަރަށް ސިޔާސީ ބޮޑު ޖަލްސާއެއްގައި އެދިވަޑައިގެންފިއެވެ.

ފުއައްމުލަކުގައި މެޑަމް ފާތުން އިސްވެ ހުންނަވައި ބޭއްވި ބޮޑު ޖަލްސާގައި އެދިވަޑައިގެންނެވީ ރާއްޖެއަށް މިހާރު އަންނަ ތަރައްގީ ހުއްޓުމެއް ނެތި ކުރިޔަށް ގެންދަން ބޭނުން ނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް ރައީސް ކަމަށް އިންތިޚާބު ކޮށްދެއްވުމަށެވެ. މެޑަމް ފާތުން ވިދާޅުވީ އެކަމަނާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ފިރިކަލުން ރާއްޖެއަށް ގެންނަވަމުން ގެންދަވާ ތަރައްގީ ދިފާއު ކުރެއްވުން ކަމަށެވެ.

ގިނަބަޔަކު ބައިވެރިވި ސިޔާސީ ބޮޑު ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އާންމުންނާ ކުރިމަތި ލައްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފާތުން ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މަލަމަތި ތަރައްގީއާއެކު ބަދަލު ވެގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފިރިކަލުންނަށް ކާމިޔާބު ކޮށްދެއްވުމަށް އެކަމަނާ މިހާރު ފައްޓަވާފައިވާ މަސައްކަތްޕުޅުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ފަސްޓްލޭޑީ އެދިވަޑައިގެންނެވިއެވެ.

މެޑަމް ފާތުން އިސްވެ ހުންނަވައި ފިރިކަލުންގެ ރިޔާސީ ކެމްޕޭން ޖަލްސާ ފުއައްމުލަކުގައި ބޭއްވިއިރު މީގެކުރިން ވަނީ އެފަދަ ޖަލްސާތަކެއް އެކި ސަރަހައްދު ތަކުގައިވެސް ބާއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.