ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރާ 7000 ފްލެޓަށް ފޯމު ދޫކުރަން މާދަމާ ފަށާނެ

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ 7000 ފްލެޓަށް އެދޭ ފަރާތްތަކަށް ފްލެޓަށް އެދޭ ފޯމު ދޫކުރުން މާދަމާ ފަށަން ހައުސިންގ މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.

ހައުސިންގ މިނިސްޓަރު ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާދަމާ ފޯމު ދޫކުރުން ދަރުބާރުގޭގައި ކުރިޔަށް ގެންދަން ނިންމާފައިވާއިރު މާދަމާ 10 ޖަހާއިރު އެކަމާބެހޭ ތަފްސީލު މައުލޫމާތު ދިނުމަށް އެ މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މީގެކުރިން ފްލެޓަށް އެދޭ ފޯމު ނެގުމަށާއި ފޯމު ލުމަށް ދިގު ކިޔޫއެއްގައި ޖެހި ގިނަ ތަކުލީފު ތަކެއް އުފުލަން ޖެހުނު ނަމަވެސް މިފަހަރު އެކަން މުޅިން ތަފާތުވާނެ ކަމަށެވެ. އެގޮތުން މި ފަހަރު އެކަން ކުރިޔަށް ގެންދާނީ ގިނައިރު ކިޔޫގައި މަޑުކުރަން ނުޖެހި ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަހަރު ދޫކުރާ 7000 ފްލެޓް ދޭނެ 12 ކެޓަގަރީވެސް މީގެކުރިން ވަނީ އިއުލާން ކޮށްފައެވެ. އަދި އެ ކެޓަގަރީ ތަކަށް ދޫކުރާނެ ފްލެޓްގެ އަދަދުވެސް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މިފަހަރު ދޫކުރާ 7000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ސިވިލްސާވިސް މުއައްޒަފުންނަށް 1000 ފްލެޓް، މާލޭގެ ރައްވެހިންނަށް 1000 ފްލެޓް، މާލެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް 1000 ފްލެޓް، ކައިވެނިކޮށްގެން އުޅޭ 18 އަހަރާއި 40 އަހަރުގެ މީހުންނަށް 1000 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފްލެޓް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 200 ފްލެޓް އަދި މާފަންނު ދެކުނު ދާއިރާގެ ވަރަށް ނިކަމެތިކޮށް ދިރިއުޅެމުންދާ މީހުންގެ ތެރެއިން 256 ފްލެޓް އާއި އެމްޑީޕީގެ ވެރިކަމުގައި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް އިތުރު ގޮތެއް ހަމަނުޖެހި ތިބި 300 މީހުންނަށް ދޫކުރާ ފްލެޓެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.