ޕީޕީއެމުން ކާނިވާ ސަރަހައްދުގައި "ހެސްކިޔާފައި" ޖަލްސާއެއް ބާއްވަނީ

ވެރިކަން ކުރާ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ދީފައިވާ ނަމަކީ "ހެސްކިޔާފައި" ކަމަށެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއާއެކު ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާތައް ވަގުތީ ގޮތުން މަޑުޖައްސާލާނެއެވެ. އެއީ ރަމަޞާން މަސް ފެށޭތީއެވެ. ރަމަޞާން މަސް ނިމުމާއެކު އަލުން ކެމްޕޭން ހަރަކާތްތައް ފަށާނެއެވެ. އަދުރޭ ވިދާޅުވީ ކާނިވާ ސަރަހައްދުގައި އެޕާޓީން ބާއްވާ މި ޖަލްސާއަކީ ފެބްރުއަރީ އެކެއްގެ ކަންތައްތަކަށް ފަހު ބާއްވާ އެންމެ ބިޔަ ޖަލްސާއަށް ވެގެންދާނެ ކަމަށެވެ.

ޕީޕީއެމުން ފަހަކަށް އައިސް ދަނީ އަތޮޅު ތަކުގައި ބޮޑެތި ޖަލްސާތަކެއް ބާއްވަމުންނެވެ. މި ޖަލްސާތައް ބޭއްވުމުގައި އެންމެ އިސްކޮށް އުޅުއްވާތަން ފެންނަނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.