ާ ގައުމުތަކުން އ.ދ. އަށް ކަނޑައަޅައިފައިވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުންނާ ރައީސް ބައްދަލު ކުރައްވައިފި

އެކި ޤައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު އެ ވަފުދާ ހިއްސާ ކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށްގެންދެވުމުގައި އަބަދުވެސް ދެމެހެއްޓެނިވި ސިޔާސަތުތަކަށް އިސްކަން ދެއްވާކަން ފާހަގަ ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ހަކަތަ އާއި ބޭރު ބައިނަލްއަޤްވާމީ މަޝްރަހުގެ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައިވެއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުގެ ވެރިކަމުގައި ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެވަފުދަށް ދެއްވިއެވެ. އަދި ދިވެހިރާއްޖެއަށްވަނީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކޮށް، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ދަރަޖަ ލިބިފައިކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ސާސްކަފުގެ 8 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ 5 ލަނޑުދަނޑިއެއް ރާއްޖެއިން މިހާތަނަށް ހާޞިލު ކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވާ އާދަޔާ ޚިލާފު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަންކަން ޕަރމަނަންޓް ރެޕްރެޒެނޓޭޓިވުންގެ ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތާއި، ރާއްޖޭގައި ޤުދުރަތީ ވަޞީލަތްތައް މަދުވުމާއި، ރާއްޖޭގެ ނާޒުކު ތިމާވެށްޓަކީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައްކަން ރއީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާ ބެހޭ މަޢުލޫމާތު ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގަތީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވި ނަމަވެސް ރާއްޖޭގައި ކަރފިއު ހިންގާފައި ނުވާ ކަމަށާއި، އަދި އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެކަމުގައި ވިދާޅުވެ، މި ތަފާތުތައް ހުރިކަމުގައިވިއަސް އެއްޤައުމު އަނެއް ޤައުމަކާ ދޭތެރޭ ކަންކުރަންވާނީ ހަމަހަމަ ކަމާއެކު، އެއްޢާއިލާއެއްގެ މެންބަރުންގެ ގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އ.ދ. އަށް ކަނޑައަޅާފައި ތިއްބަވާ ވަފުދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. މި ވަފްދުގެ ބޭފުޅުން ވަނީ މި ސަރުކާރުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ރޮނގުން އެބޭފުޅުން ތާއީދުކުރައްވާ ކަންތައްތައް ފާހަގަކުރައްވާފައެވެ. އަދި ދޭދޭ ގުޅުން ހަރުދަނާ ކުރުމުގައާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުން ދެއްވިއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.