އިސްރާއީލާއި، ފަލަސްޠީނާއި ޖޯޑަނުގެ ވަޒީރުން އެކުގައި ބައްދަލުވުމެއް ބޭއްވުމަކީ މިހާރުގެ ހާލަތުގައި ނާދިރުކަމެއް ނަމަވެސް، ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ މިވަނީ މިތިން ގައުމުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުން ބޭއްވުނީ ސަރަހައްދު ހުރަސްކޮށް ވިޔަފާރި އާއި އެހެނިހެން ގުޅުންތައް އާލާކުރުމަށް ޖަޕާނުން އިސްނަގައިގެން ހަދާފައިވާ ދަނޑުވެރި-ސިނާއީ ޕާކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ހަތުރު ގައުމު އެއްތަނަކަށް އެއްވެ ބައްދަލުވުން އެއީ ފަސޭހަކަމަކަށް ނުވި" މިފަދަ ބައްދަލުވުމެއް އިންތިޒާމުކުރަން އުނދަގޫވި ވަރު ހާމަކުރައްވަމުން ޓާރޯ ކޯނޯ ވިދާޅުވިއެވެ.
މައްސަރަކަށް ވުރެ ގިނަ ދުވަހަށް ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުން ގޯސްވެފައި އޮތުމަށް ފަހު އިސްރާއީލާއި ޖޯޑަންގެ ގުޅުން އަލުން ރަނގަޅުވީ ދާދި ފަހުންނެވެ. ސުލްހައިގެ މަސައްކަތް މަޑުޖެހިފައި އޮތުމުގެ ސަބަބުން އިސްރާއީލުގެ މަސްއޫލުވެރިންނާ ފަލަސްޠީނުގެ މަންދޫބުން ބައްދަކުރެއްވުމަކީ ވެސް މިހާރު ވަރަށް ނުވާ ކަމެކެވެ.
ފަލަސްޠީނުގެ އިގްތިސާދަށް އެހީތެރިވެދިނުމުގެ ގޮތުން ޖަޕާނުން ކުރިއަށް ގެންދާ 'ކޮރިޑޯ ފޯ ޕީސް އެންޑް ޕްރޮސްޕަރިޓީ' މަޝްރޫއުގެ ދަށުން ހުޅުވާފައިވާ 'ޖެރިކޯ އެގްރޯ އިންޑަސްޓިއަލް ޕާކް' އަކީ ޖޯޑަނާއި ހުޅަނގު އައްސޭރި ގުޅޭ ސަރަަހައްދީ ރޮނގު ކައިރީގައި ޖެރިކޯ (އަރީޙާ) ގައި ހަދާފައިވާ ދަނޑުވެރިކަމުގެ ސިނާއަތަށް ޚާއްސަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ބޭނުންވާ މުދާ އެތެރެކޮށް، އެސަރަހައްދުން މުދާ ބޭރުކޮށް ހަދަނީ އިސްރާއީލުން ކޮންޓްރޯލުކުރާ ފަލަސްޠީނުގެ ސަރަަހައްދީ ރޮނގު ހުރަސްކޮށް ޖޯޑަންގެ ތެރެއިންނެވެ. އެހެންކަމުން، އެތަނުގައި ސިނާއީ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ތިންފަރާތް ބައިވެރިވެ، އެެއްބާރުލުން ދީގެންނެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރުގެ އިތުރަށް މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައި ވަނީ ޖޯޑަންގެ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ޢިމާދު ފަޚޫރީއާއި، އިސްރާއީލުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް އިންޑަސްޓްރީ އެލިޔާހޫ ކޯހެން އާއި، ފަލަސްޠީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓް ޑރ. ރިޔާދު މާލިކީ އެވެ.
"މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަޒުމު ކަނޑައަޅާފައިވާކަން ބައިވެރިން ޔަގީންކޮށްދިނެވެ." ޑެޑް ސީގެ ޖޯޑަނާވީ ފަޅީގައި ބޭއްވި ބައްދަލުވުން ނިންމާލުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވެއެވެ.