އެއްކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީތަކުގެ ޕްރައިމަރީއަށްފަހު، އަޅުގަނޑު ނުކުންނާނަން- ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއްކެންޑިޑޭޓް ނެރޭނެ ކަމަށާއި ނަމަވެސް އެ ކެންޑިޑޭޓް ނިންމާނީ ކޯލިޝަނުގައިވާ ޕާޓީ ތަކުގެ މެދުގައި ފުރަތަމަ ބާއްވާ ޕްރައިމަރީއަށް ފަހު ކަމަށް އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީއަށް ފަހު އެއް ކެންޑިޑޭޓް ނެރޭއިރު އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް އޮންނަ ޕްރައިމަރީގައި ނަޝީދުގެ ކެމްޕޭން މެނޭޖަރެއްވެސް މިހާރު ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޕްރައިމަރީގައި ނަޝީދުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙަންމަދު އަސްލަމް ކަމަށްވެސް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ކުރިޔަށް ދިޔަނަމަވެސް މަޝްވަރާތަކުގައި ޕާޓީ ތަކުން އަދި މިހާތަނަށް ވަކިގޮތަކަށް އެއްބަސްވިކަމެއް އަދި އޭގެ މާބޮޑު ތަފްސީލެއްވެސް މީޑިޔާއަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެކަމަށް މަޝްވަރާ ކުރަން އެކުލަވާފައިވާ ކޮމިޓީން ދާދިފަހުން ބުނެފައި ވަނީ ޕާޓީތަކުން އެއްކެންޑިޑޭޓް ނެރޭނެ ކަމަށެވެ. ނަމަވެސް ކެންޑިޑޭޓް ނެރޭނެ އުސޫލުތަކެއް އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް ކުރިން އޮތް މަޝްވަރާ ތަކުގައި އެއް ކެންޑިޑޭޓް ނެރޭނީ އެންމެ ފުރަތަމަ ޕާޓީ ތަކުން ވަކިވަކި ޕްރައިމަރީއެއް ބާއްވައިގެން ހޮވޭ ކެންޑިޑޭޓުންގެ މެދުގައި ފަހުން ޕާޓީ ތަކުގެ މެދުގައި މެދުގައި ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވާހަކަ ދެކެވުނެވެ. އެ ގޮތަށް ވާހަކަ ދެކެވުނު ނަމަވެސް އެކަމުގައި ޕާޓީ ތަކުގެ ބަޔެއް އިސްބޭފުޅުންގެ މެދުގައި ފަހުން ޚިޔާލު ތަފާތުވުން އުފެދުނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.