ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންއާއަށް ދިން ހަމަލާއެއްގައި 38 މީހުން މަރުވެއްޖެ ކަމުގައި ސައޫދީ ޓީވީ ޗެނަލެއް ކަމުގައިވާ އަލްއަރަބިއްޔާއިން ބުނެފިއެވެ.
ސައޫދީ ރަސްމީ ޓީވީ އަލްއިޚްބާރިއްޔާއިން ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު 50 އަށް އަރާ ކަމުގައެވެ. އަދި މަރުވީ ޙޫޘީ ހަނގުރާމަވެރިން ކަމުގައެވެ. މަރުވި މީހުންގެ ތެރޭގައި އެމީހުންގެ 2 ކޮމާންޑަރުންވެސް ހިމެނޭ ކަމުގައި އެ ޓީވީން ޚަބަރުދެއެވެ. ކޯލިޝަނުން ހަމަލާދީފައި ވަނީ ޔަމަނުގެ ހޯމް މިނިސްޓްރީގެ އިމާރާތަށެވެ. ސަންއާ އޮންނަނީ ޙޫޘީ ހަނގުރާވެރިންގެ ބާރުގެ ދަށުގައެވެ.
ޙޫޘީންވެސް ވަނީ މި ހަމަލާ ދީފައިވާކަން ކަަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
މިހަަމަލާ އައިސްފައި މިވަނީ ފާއިތުވި ހަފުތާގައި ކޯލިޝަނުން ދިން ހަމަލާއެއްގައި މަރުވެފައިވާ ޙޫޘީންގެ ލީޑަރު ޞާލިޙު އައްޞައްމާދުގެ ޖަނާޒާ މިއަދު ބޭއްވުމުގެ ކުރިންނެވެ.
އައްޞައްމާދުގެ ޖަނާޒާ މިއަދު އެތައްހާސް ބައެއްގެ ހާޒިރުގައި ކުރިއަށް ދިޔައިރުވެސް ސައޫދީ ކޯލިޝަނުން ވަނީ ޖަނާޒާ އޮތް މައިދާނުގެ ކައިރީގައިވާ ސަރަހައްދަށް ވައިގެ ހަމަަލާ ދީފައެވެ. މިހަމަލާއިން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ޚަބަރެއް ލިބިފައި ނުވެއެވެ.
ކޯލިޝަނުން ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި ޙޫޘީން ވަނީ، އެބައިމީހުންގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރު ދިން ގޮތުގައި، ސައޫދީ އަމާޒުތަކަށް ބަދްރު-1 މަރުކާގެ 8 މިސައިލު ފޮނުވާލާފައެވެ.
ސައޫދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބުނީ ޙޫޘީންގެ ހަތަރު މިސައިލު ސައޫދީ އަމާޒުތަކަށް ފޮނުވާލުމުން އެ ހަތަރު މިސައިލުވެސް ވައްޓާލާފައިވާ ކަމުގަައެވެ. އަދި ޖާޒާން ސަރަހައްދަށް އަމާޒުވި މިސައިލެއް ގޮއްވާލުމުގެ ތެރޭގައި ބުރައިގެން ދިޔަ އެެތިކޮޅުތަކުން ޖެހި ސައޫދީ މީހަކު މަރުވެފައިވާކަމުގައެވެ. އަދި ދެ ގެއަކަށާއި، ތިން އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމުގައެވެ.
ރަސްމީ ތަފާސް ހިސާބުތަކާ ހަވާލާދީ އެނެޓޯލިއާ ނިއުސް އެޖެންސީން ބުނާ ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގައި ޙޫޘީން ވަނީ ސައޫދީ ތަންތަނަށް އަމާޒުކޮށް 26 މިސައިލް ފޮނުވާލާފައެވެ.