ރޯޑުވާ

މާލޭގެ މަގުމަތީގައި ސައިކަލު ދުއްވުމަކީ މިހާރު ދެން ކުރެވޭވަރުގެ ކަމެއް ނޫނެވެ. މިއީ އަޅުގަނޑު ފަދައިން ސައިކަލު ދުއްވާ މީހުންގެ ތެރެއިން ބައެއް މީހުން ބުނާނެ ގޮތެވެ. ހިނގައި އުޅޭ މީހުން ދެކޭ ގޮތުގައި މާލޭ މަގުމަތީގައްޔާއި ދުވާރު މަތީގައި ވެސް ހިނގޭނެ ގޮތެއް ނެތެވެ. އުދުހެވޭނެ ގޮތެއް އަދި އަމުދުން ނެތެވެ! ދެން މިޖެހުނީ ކޮންތާކުބާއެވެ؟
 

މިހިސާބުން ހިތަށް އައީ އިނގިރޭސި ލިޔުންތެރިޔާ އޮސްކާ ވައިލްޑް ގެ މަޝްހޫރު ބަސްކޮޅެކެވެ. ”މީހުން ކާވެނި ކުރަނީ ހަމަ ބުއްދީގެ މައްޗަށް ޚިޔާލު ގަދަވެގަންނާތީއެވެ! ދެވަނަ ކާވެންޏެއް  ކުރަނީ (ހިތި) ތަޖުރިބާގެ މައްޗަށް އުންމީދު ގަދަވާހިނދުގައެވެ.” ! ކިތަންމެ ނުރައްކާ ނަމަވެސް އަޅުގަނޑުމެނަށް، ސައިކަލަށް އަރައިގެން އެއް ތަނުން އަނެއް ތަނަށް ދާން މި ކެރެނީ ފޮނި އުންމީދެއްގެ ސަބަބުންނެވެ. އެއީ ‘އިރާދަ ކުރެއްވިއްޔާ ކަމެއް ނުވާނެ’ ކަމުގެ އުންމީދެވެ.

މި ޒަމާނަކީ ތިމާވެށި ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުން ފެޝަނަކަށްވެފައިވާ ދުވަސްވަރެކެވެ. ހަތަރު ފުރޮޅުލީ އުޅަނދުންނާއި ދެ ފުރޮޅުލީ އުޅަނދުން ނިކުންނަ ދުމަކީ ވިހަ ދުމެވެ. މީގެ ވިހައިން އަޅުގަނޑުމެން ސަލާމަތް ކުރުމުގެ ބޭނުމުގައި، ރާއްޖޭގައި ދުއްވާ އުޅަނޑުފަހަރަކީ މަގުމަތީގައި ދުއްވަން އެކަށީގެންވާ އުޅަނދުފަހަރުތޯ ބަލަން އެބަ ޖެހެއެވެ. މިކަން ކުރުމަށް ދިވެހި ބަހުން ކިޔަނީ ”ރޯޑް ވާރދިނަސް ހެއްދުމެވެ”. އަޅުގަނޑުމެންގެ ރަސްމީ ބަހަކީ ދިވެހި ބަސްކަމުގައި ވެފައި، މިއީ ދިވެހި ބަހަށް އިސްކަން ދިނުން ގާނޫނު ލާޒިމު ކުރާ ދުވަސްވަރަކަށް ވެސް ވާތީ، މިހާރު އެއީ ދިވެހި ބަހެއްތާއެވެ.

މިހާ ދިގުބަހެއް ކިޔުމުގެ ބަދަލުގައި އެކަމުގައި ގިނައިރު އުޅޭ މީހުން، މި މުހިންމު ޓެސްޓު ހެއްދުމަށް ކިޔަނީ ‘ރޯޑުވާ’ އެވެ! އެއީ އެކަން ވާނޭ ވެސް ގޮތެވެ. ބަޔަކު ގިނައިން ބޭނުންކުރާ ކޮންމެ އެއްޗެއް ކަންފަތިވެ، ގޭނި ކުރުވާހެން މިބަސްބަސްވެސް  ކުރުވީއެވެ. ބިދޭސީން އެއްގޮތަކަށްވެސް ވަންނަން ނުޖެހޭ އޮފީހަކަށް، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ކީ ނަމަވެސް މިދިޔަ އިންތިޚާބު ދުވަސްވަރު ޑީއެންއާރު ނޫންއެއްޗެއް އަޅުގަނޑުމެންނަކަށް ނީވެއެވެ. އަޅުގަނޑުގެ ރަހުމަތްތެރި ލޯޔަރު، ފޫޅުދިގު ހަންޑިޔަށް އެފްޑީއެޗް ކިޔައި، ލޯ ރަތްބެއަށް އެލް އާރުބީ ކިޔަނީވެސް ހަމަ ކުރުކޮށްލައި ވަގުތު ސަލާމަތް ކުރާށެވެ. ރޯޑުވާ އަށްވެސް ވީ މިހެންނެވެ!

ރޯޑުވާ ހެއްދުމުގެ މަގުސަދު ކިތަންމެހާވެސް ރަނގަޅެވެ. ކިތަންމެ ރަނގަޅުކަމެއް ވެސް އިތުރަށް ރަނގަޅު ކޮށްލެވެން ހުރެއެވެ. މިގޮތުން އަޅުގަނޑުގެ ޚިޔާލަކީ މަގުމަތީގައި، ފަހަތުން ދުން ނިކުންނަ ހަރުފައެއްހެން ސައިކަލު ދުއްވާ މީހުން ނަކީވެސް ރޯޑުވާ ބައެއްތޯ ބަލަން ޖެހުމެވެ! ކޮންމެ ގަޑިއެއްގައި ހަމަ ކޮންމެ މަގެއްވެސް އެމީހުން ޗަރުކޭސް ކުޅެން ކަމުދެއެވެ. ބައެއް ފަހަރު ފަހަތް ބަލަމުން ސައިކަލު މަޑީގެ ހަމަ އެންމެ ކުރީކޮޅުގައި ފިނދުކިބަ ޖައްސާލައިގެން ބާރު ކުރަމުން ބާރުކުރަމުން ދެއެވެ! ފަހަތުން އަންނަ އެއްޗެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ! އެސޮރު އެހާ ބާރަށް އެދުއްވަނީ އެއްޗެއް ފެންނާތީތާއެވެ!!

ރޯޑުވާ ހައްދަން ޖެހޭ އަނެއް ގުރޫޕަކީ، އަޅުގަނޑުމެން ނުތަންވަޅުވެގެން ގެއިން ނިކުމެ ސައިކަލަށް އަރަން ބަލައިލާއިރު ސައިކަލަށް އަރައިގެން ތިބޭ މީސްމީހުންނެވެ.  މިއީ ކަކުލު ހުޅުގައި ވާގިނެތް ބައެއްތޯ ޓެސްޓެއް ހައްދަން ޖެހޭބައެކެވެ. އެމީހުން ފިސާރި އަވަހަށް ތެދުވެގެން ގޮސް އެހެން ސައިކަށް އަރައި ހަމަ ޖެހިލައިފާނެއެވެ. ކިތަންމެ ރުޅިއަޔަސް އެއްޗެއް ބުނެވޭކަށް ނެތެވެ! މާދަމާ ގެއިން ނިކުންނައިރު ސައިކަލު މަޑި އެންމެ ވައްތަރުވާނީ ކަފާފައި ކިރިމް ޖަހަން ހަނދާންނެތިފައިވާ ބަނަހަކާއެވެ!!

ދެން ސައިކަލަށް ތަޅުދަނޑި ޖަހަން ބަލައިލާއިރު ދުފައި ރަތްކޮށްގެން ދަތްކޮށްޓި ‘ދަތްކޮށްޓި’ އެއޮތީ ތަޅުދަނޑިވަޅަށް ހަރައި ބިންދާވެސް ލައިފައެވެ!!!  މިކަހަލަ ކަމެއް ނުކުރާ ދުވަހެއް ނަމަ، ސައިކަލުގެ ދެލޯގަނޑު ހުންނާނީ އުޑު ފެންނަ ގޮތަށް އަނބުރައިފައެވެ. ކިތަންމެ ވިސްނައިގެން ގިއަރު ކަނޑާފައި އިންޖީނު ނިއްވައިލިޔަސް އަރާއިރު ހުންނާނީ 3 ވަނަ ގިޔަރުގައެވެ!!

މިހާރު ދެން ”މަޖްލިސް ބަހުސް” ވެސް ކުރިޔަށް ދާދުވަސްވަރެއްގައި، އިއްޒަތްތެރިވާން ތިބި މެންބަރުންނަށް ޚިޔާލެއް ހުށަހަޅައިލަން އެބަ ޖެހެއެވެ! ދުންއަރުވާ ހަރުފައެއްހެން ސައިކަލު ދުއްވާ މީހުންނާއި، ފަހަތުން ޖިންނިއެއް އަވަލައިގެން ފިލަން ދުއްވާ މީހުންނާއި، ކަކުލުހުޅު ބަލިކަމުން ފެންނަހައި ސައިކަލެއްގައި  އިށީނދެގެން އަތްމުނިމުނިކަވާ މީސްމީހުންވެސް  ރޯޑުވާ ހެއްދޭނެ ބިލެއް ހުށަހަޅަން ޚިޔާލުކުރައްވަމުތޯއެވެ!
އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.