އިންޑިޔާ-ޗައިނާ ގުޅުމުގެ 'އާ ބާބެއް' ފަށަން އުއްމީދުކުރަން: ޝީ ޖިންޕިންގ

ޗައިނާގެ ރައީސު ޝީ ޖިންޕިންގ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ބައްދަލުުކުރައްވަނީ

އިންޑިޔާއާއި ޗައިނާއަށް ދެގައުމުގެ ގުޅުމުގެ 'އާ ބާބެއް' ފެށިދާނެކަމުގެ އުއްމީދު ޗައިނާގެ ރައީސު ޝީ ޖިންޕިންގ ފާޅުކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ ސަރަހައްދީ ރޮނގުގެ މައްސަލައިގައި ގޯސްވެފައިވާ ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމާ ބެހޭގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ރައީސު ޝީ ވަނީ ވުހާން ސިޓީގައި ހުންނަ ހުބޭ ޕްރޮވިންސް މިއުޒިއަމްގައި ބޮޑުވަޒީރު މޯދީއާއެކު 'ނުރަސްމީ' މަޝްވަރާތަކެއް ކުރައްވާފައެވެ. މިއަދު (ހޮނިހިރު ދުވަހު) ވެސް އެ މަޝްވަރާތައް ކުރިއަށް ދާނެއެވެ.
ހިމާލަޔާ ފަރުބަދަމަތީގެ ދޯކްލާމް ސަރަހައްދުގައި ފާއިތުވި އޮގަސްޓުމަހުގައި ހިނގި ކުރިމަތިލުން ހަމަލާ ބަދަލުނުކޮށް ދެގަައުމުގެ ސިފައިން ފަހަތަށް ޖެހިގެން ނިމިފައިވިޔަސް، ދެގައުމުގެ ދެމެދުގައި އިތުބާރުގެ މައްސަލަ އަބަަދުވެސް އޮވެއެވެ.
ރައީސު ޝީ ޖިންޕިންގއާ އެކު ބައްްދަލުވުން ފަށްޓަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ ޗައިނާއާއި އިންޑިޔާއާއި ދެމެދު ރަނގަޅު ގުޅުމެއް އޮތުމަކީ މުޅި ދުނިޔޭގެ ސުލްހަ މަސަލަސްކަމަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި އޭނާ ވަނީ މިފަދަ 'ނުރަސްމީ' ބައްދަލުވުމެއް އަންނަ އަހަރު އިންޑިޔާގައިި ބޭއްވުމަށް ދައުވަތު ދެއްވާފައެވެ. "އަހަރެންގެ އުއްމިދަކީ ދެގައުމުގެ ވެރިންގެ މެދުގައި މިފަދަ ނުރަސްމީ ބައްދަލުުވުންތައް އާދައަކަށް ވުން. 2019 ވަނަަަ އަހަރު މިފަދަ ބައްދަލުވުމެއް އިންޑިޔާގައި ބޭއްވުމަށް އުއްމީދުކުރަން." މޯދީ ވިދާޅުވިއެވެ.
"އަހަރުމެން ދެގައުމުގެ ގުޅުން އީޖާބީ ގޮތުގައި ކުރިއަށް ދާކަން ޔަގީންކުރުމަށްޓަކައި، އަހަރުމެެން ޖެހޭނީ ޗައިނާ-އިންޑިޔާގެ ގުޅުމުގެ ބޮޑު މަންޒަރަށް އިސްތިރާތީޖީ ނަޒަރަކުން ބަލަން. ޔަންގްސީ ކޯރާއި ގަންގާ ކޯރު މެދުނުކެނޑި ދެމޭހެން ދެގަމުގެ ގުޅުންވެސް ޖެހެނީ ބަދަހިވަމުންދާން." މި ބަައްދަލުވުމުގައި ރައީސު ޝީ ވިދާޅުވިކަމަށް ޗައިނާގެ ސީސީޓީވީން ޚަބަރު ދީފައި ވެއެވެ.
ޗައިނާއިން ޕާކިސްތާނުގައި ހިންގަމުން ގެންދާ ބިޔަ މަޝްރޫއުތަކާއި، ދެކުނު އޭޝިޔާއާއި އިންޑިޔާ ކަނޑުގައި ނުފޫޒު ގަދަކުރުމަށް ޗައިނާ ކުރާ މަސަައްކަތްތަކަށް އިންޑިޔާ ބަލަނީ ޝައްކުގެ ނަޒަރުންނެވެ. އަދި ޗައިނާއިން ފަށާފައިވާ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް (އާރްބީއައި) މަޝްރޫއުގައި ބައިވެރިވާން އިންޑިޔާ ވަނީ ދެކޮޅު ހަދާފައެެވެ.
ދެގައުމުގެ އިސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ދާނަމަ އާރްބީއައިގެ މައްސަލައިގައި އިންޑިޔާއިން ދޫދިނުމަކީ އުއްމީދު ކުުރެވޭ ކަމެއް ކަމުގައި ޗައިނާގެ މަޝްހޫރު ނޫހެއް ކަމުގައިވާ ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.