ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ރޮބަޓުގެ އެހީގައި މިއަދުވެސް ކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރު ފަރާތު މޫދަށް ފައިބައިގެން އުޅުނު ތިން ކުދިންގެ ތެރެއިން ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ގެންދިޔައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކޯސްޓް ގާޑުގެ ޑައިވަރުން މިއަދުވަނީ ކަނޑުއަޑި ވެސް ބަލައިފައި ކަމަށެވެ. އޭގެ އިތުރަށް ޑައިވިން ރޮބަޓު ބޭނުންކޮށްގެން ވެސް ކަނޑުއަޑި ވަނީ ބަލައިފައި ކަމަށް ވިދާޅުވިއެވެ.

ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި މިއަދުއެކަނި ވެސް ވަނީ 29.7 ނޯޓިކަލް މޭލު ބަލައިފައެވެ. މި އޮޕަރޭޝަން ހުއްޓުމެއްނެތި މިހާރުވެސް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެކުދިން ގެއްލުނު ދުވަހުން ފެށިގެން އެމްއެންޑީއެފުން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. މޫދަށް އެރިގެން އުޅެނިކޮށް އޮޔާ ދަމައިގަތް ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ އާންމު ރައްޔިތެއްގެ އެހީގައި ސަލާމަތް ކޮށްދީފައެވެ. އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުންވަނީ އޭނާއަށް ލިޔުމެއްވެސް ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.