ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ކޮޅުމަޑުލު ވޭމަންޑޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވޭމަންޑޫގައި އިއްޔެ ބާއްވައިފިއެވެ.

އެރަށު ބޮޑުފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ފަށްޓަވައި ދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. މިއީ އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ދިވެހި އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ވޭމަންޑޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، އެލް.އީ ޓްރިވެނީ ޖޭވީ އާ ހަވާލުކޮށްގެންނެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 18 ޖޫން 2017 ގައެވެ. އެ މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ 30,944,081.52 ރުފިޔާއެވެ.

މި މަޝްރޫއަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 550 ދުވަސް ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫޢުގެ ދަށުން ތ.ވޭމަންޑޫގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއެކު މި ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ގާއިމު ކުރުން ހިމެނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.