އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުން އާއި ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން ދެކޮރެޔާ ވަކިކުރާ ސަރަހައްދީ ރޮނގުގައި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
2007 ވަނަ އަހަަރަށް ފަހު ދެކޮރެޔާގެ އެންމެ އިސްވެރިންގެ މެދުގައި ފުރަތަމަ ބޭއްވޭ ބައްދަލުވުމަށްޓަކައި ޒައީމު ކިމް ވަނީ ސަރަހައްދީ ރޮނގު ހުރަސް ކުރައްވައި ދެކުނު ކޮރެއާގެ ސަރަހައްދަށް ވެެދެވަޑައިގެފައެވެ. މިއީ ކޮރެޔާ ހަނގުރާމައިގައި 1953 ވަަނަ އަހަރު ކޮރެއާ ދެބައިކުރުމަަށް ފަހު އުތުރު ކޮރެޔާގެ ޒައީމަކު ދެކުނުގެ ސަރަހައްދަށް ވެދެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ދެކުނު ކޮރެއާގެ ރައީސު ކިމް އުތުރުގެ ސަރަހައްދަށް ވެދެވަޑައިގެން ޒައީމު ކިމްއާ ސަލާމްކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ދެކުނުގެ ސަރަހައްދަށް ވެދެވަޑައިގަތީއެވެ. ބައްދަލުވުން ބޭއްވެނީ ދެ ކޮރެޔާގެ ސަރަހައްދީ ރޮނގުގައި އޮންނަ 'ސުލްހައިގެ ރަށް' ޕަންމުންޖޮމް އަވަށުގެ ޕީސް ހައުސްގައެވެ.
މިއީ ކޮރެޔާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމުގެ ނުވަތަ މެދުކަނޑާލުމުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ދެގައުމުގެ އެންމެ އިސް ވެރިން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ. އެހެންނަމަވެސް، ދެކުނުގެ ސަރަހައްދު ތެރޭގައި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ.
އެ އެއްބަސްވުމަށް ފަހު ދެކޮރެޔާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފައި ނުވާތީ ވަގުތީ އެއްބަސްވުން އަދިވެސް ދެމި އެބައޮތެވެ. މި އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ދެބޭފުޅުން މިއަދު ކުރައްވާނެ ކަމުގައި ބެލެވެއެވެ.
ހަނގުރާމަ ހުއްޓުމުގެ ދާއިމީ އެެއްބަސްުވުމުގެ އިތުރަށް ދެ ޒައީމުން ބަހުސްކުރައްވާނީ ކޮރެއާއަކީ ނިއުކުލިޔާ ހަތިޔާރު ނެތް ތަނަކަށް ހެދުމާ، އުތުރު ކޮރެޔާގެ ނިއުކުލިޔާ ޓެސްޓައް ހުއްޓާލުމާ، އުތުރަށް ސަަލާމަތްތެރިކަން ކަށަވަރުކޮށްދިނުމާ، ދެ ކޮރެޔާގެ ދެމެދުގައި ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ކަމުގައި ދެކުނު ކޮރެެޔާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ބައްދަލުވުން އެންމެ ގާތުން ބަދަލުމުންދާ ގައުމަކީ އެމެރިކާއެވެ. މި ބައްދަލުވުމާމެދު އެމެރިކާގެ ޝައުގުވެރިކަން އިތުުރުވެފައި ވަނީ އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެެއާގެ ޒައީމާ ބައްދަލުުކުރައްވަން ހަމަޖެހިފައި ވާތީއެވެ. ދެ ކޮރެޔާގެ ވެރިންގެ ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ނުކުމެއްޖެނަމަ އޭގެ ރަނގަޅު އަސަރު ޓްރަމްޕް-ކިމް ގެ ބައްދަލުވުމަށް ކުރާނެއެވެ.