ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ

ޚަވާޖާ މުޙައްމަދު އާސިފު

ޕާކިސްތާނުގެ އިސްލާމްއާބާދު ހައިކޯޓުން އެގައުމުގެ ޚާރިޖީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން އުމުރުދުވަހަށް މަހުރޫމުކޮށްފިއެވެ. އޭނާގެ މައްޗަށް މިހުުކުމް އިއްވާފައިވަނީ ބޭރު ގައުމެއްގެ ވާކް ޕާމިޓެއް އޭނާގެ އަތްޕުޅުގައި އޮވެ، އެކަން ސިއްރުކުރައްވައިގެން ހުންނެވިކަމަށް ބުނެ ޕާކިސްތާނު ތަހްރީކޭ އިންސާފު (ޕީޓީއައި) ޕާޓީގެ މެންބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
2013 ވަނަ އަހަރު ބޭއްވުނު ގާނޫނުހަަދާ މަޖިލީހުގެ އިންތިޚާބުގައި ސިއާލްކޯޓުގެ އެއް ނަންބަރު ދާއިރާއިން ޚަވާޖާ އާސިފާއި ވާދަކުރައްވައި ބަލިވި އުސްމާން ދާރް ހުށަހެޅި މައްސަލައިގައި ވަނީ ޚަވާޖާ އާސިފު ޔޫއޭއީގެ ކުންފުުންޏެއްގެ ވަޒީފާއި ހުންނަވާތީ އޭނާގެ އަތްޕުޅުގައި އެގައުމުގެ ވާކް ޕާމިޓް އޮންނަކަމުގައެވެ. އަދި ކެންޑިޓޭޓުކަމަށް ކަރުދާސް ހުށަހެޅުއްވި އިރު އޭނާ އެކަން ސިއްރުކުރައްވާފައިވާތީ އޭނާގެ ޝަރުޠު ހަމަނުވާކަން ކަނޑައަަޅައިދިނުމަށް އެދިފައެވެ.
ފާއިތުވި އޮގަސްޓު މަހުގައި އިސްލާމްއާބާދު ހައިކޯޓަށް ހުށަހެޅި މިމައްސަލަ ބަލައިގަންނަަން ނިންމާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަަލަ ބެއްލެވުމަށް މިއަދު އިިއްވެވި ހުުކުމަކީ ތިންފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ހުކުމެކެވެ. އެ ހުކުމުގައި ވާގޮތުން ޕާކިސްތާނުގެ ގާނޫނު އަސާސީގެ 62 ވަނަ މައްދާގެ (ޅ) ގައިވާ ޝަރުޠުތައް އޭނާ ފުރިހަމަކުރައްވާފައި ނުވާތީ 2013 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި ވާދަކުރެެއްވުމުގެ ޝަރުޠު އޭނާގެ ކިބައިގައި ހަމަނުވެއެވެ. އެހެންކަމުން، ކޯޓުން ވަނީ އޭނާއަށް މެންބަރު ކަމުގައި ހުންނެވުމުގެ ހައްގު ލިބިގެންނުވާ ކަމަށް ކަނޑައަޅައި އިންތިޚާބު ކުރެވޭ އެއްވެސް މަަގާމެއްގައި ހުންނެވުމުގެ ހައްގުން އުމުރުދުވަހަށް އޭނާ މަހުރޫމުކޮށްފައެވެ.
ޚަވާޖާ އާސިފު އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިންކާރުކުރައްވައެވެ އޭނާ ވިދާޅުވީ އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމުގައެވެ.
ޕީޓީއައިން ބުނާ ގޮތުގައި ޚަވާޖާ އާސިފަކީ 2011 ވަނަ އަހަރުން ފެށިގެން ޔޫއޭއީގެ މެކް އެންޑް އިލެކް އެލްްއެލްސީގެ މުވައްޒަފެކެވެ. އޭނާއަށް އެކުންފުނިން މަހަކު މުސާރައާއި އިނާޔަތުގެ ގޮތުގައި 50 ހާސް ޔޫއޭއީ ދިރުހަމް (13300 ޔޫއެސް ޑޮލަރު) ލިބިވަޑައިގަންނަވައެވެ. އަދި ފާއިތުވި 2017 ވަނަ އަހަރު އޭނާގެ ވާކް ޕާމިޓް ވަނީ އާކޮށްފައެވެ.
ޚަވާޖާ އާސިފަކީ ޕާކިސްތާނު މުސްލިމް ލީގް (ނަަވާޒް) ގެ އެންމެ ބާރުގަދަ އެެއް ލީޑަރެވެ. އޭނާއަކީ 1991 ވަނަ އަހަރުން ފެށިގެން ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން މެދުނުކެނޑި ކުރައްވާ ބޭފުޅެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.